ރާއްޖެއާއި ތުރުކީއާ ދެމެދު ވިޔަފާރީގެ ގޮތުން ގުޅުން ބަދަހިކޮށް އެކިދާއިރާތަކުން ރާއްޖެއަށް ދެވެންހުރި ހުރިހާ އެއްބާރުލުމެއް ދިނުމަށް ތުރުކީ އޮތީ ތައްޔާރަށް ކަމަށް އެގައުމުން އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ބުރަކް އަކްޗަޕާ ވިދާޅުވެއްޖެއެވެ.

ޓްރޭޑާސް ހޮޓެލްގައި މިރޭއޮތް "ޓާކިޝް-މޯލްޑިވިއަން ބިޒްނަސް ފޯރަމް 2013"ގައި ވާހަކަފުޅު ދައްކަވަމުން ބުރަކް އަކްޗަޕާ ވިދާޅުވީ ތުރުކީއަކީ ހުޅުވާލެވިފައިވާ އިގްތިސާދެއް އޮތް ގައުމެއް ކަމަށާއި އެގޮތުން ރާއްޖެއާއި ތުރުކީއާ ދެމެދުގައި ވިޔަފާރިއާއި އިގްތިސާދީ ގޮތުން އޮތް ގުޅުމަށް މިހާރު މިވަނީ ބޮޑެތި ބަދަލުތަކެއް ގެންނަންވީ ވަގުތު ޖެހިފައި ކަމަށާއި އަދި އެބަދަލު ތައް ގެނައުމަށް ކުރަންޖެހޭ ބައިވަރު ކަންތައްތައް އެބަހުރި ކަމަށެވެ.

ރާއްޖެއަކީ މުޅި ދުނިޔޭގައިވެސް ފަތުރުވެރިކަމަށް މަޝްހޫރު ރީތި އަގުބޮޑު ޖަވާހިރެއްފަދަ މަންޒިލަކަށްވާއިރު ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭއިން ލިބެން ހުރި ފުރުސަތުތަކުގެ ބޭނުން ކުރުމަށް ތުރުކީގެ ވިޔަފާރިވެރިން ތިބީ ތައްޔާރަށް ކަމަށް އަކްޗަޕާ ވިދާޅުވިއެވެ. އަދި ފަތުރުވެރިކަށް އިތުރަށް ފުޅާކުރުމަށް ބަލާއިރު ވިޔަފާރީގެ އެހެނިހެން ދާއިރާތަކަށްވެސް ބަލައިލާން ޖެހޭ ކަމަށާއި، އެގޮތުން ތުރުކީއަކީ މަސްވެރިކަމަށްވެސް ބޮޑު އަހައްމިއްޔަތެއްދޭ ގައުމަކަށްވާއިރު ރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި ތުރުކީގެ މަސްވެރިންގެ ތަޖުރިބާ ބޭނުން ކުރެވިދާނޭ ކަމަށް ސަފީރު ވިދާޅުވިއެވެ.

ބުރަކް އަކްޗަޕާގެ ވާހަކަފުޅުގައި ތުރުކީއަކީ ތެލުގެ މުއްސަނދިކަން އެހާ ބޮޑަށް ނެތް ގައުމަކަށްވީ ނަމަވެސް އެ ސަރަހައްދުގެ އެހެނިހެން ގައުމުތަކާ އަޅާބަލާއިރު ތުރުކީގެ ރައްޔިތުންގެ ބުރަ މަސައްކަތުން އެގައުމަކީ ދުނިޔޭގެ ނިސްބަތުގައި އެންމެ ކުރިއަރާފައިވާ އިގްތިސާދުތަކާ ވާދަކުރާވަރުގެ އުފެއްދުންތެރި ގައުމެއް ކަމަށްވިދާޅުވިއެވެ. އެހެން ކަމުން ރާއްޖެއަށް ފަރުނީޗަރާއި، އިމާރާތްކުރުމަށް ބޭނުންވާ ތަކެއްޗާއި އަދި ކާނާގެ ބާވަތްތައް އެތެރެ ކުރުމަށް ތުރުކީ އޮތީ ތައްޔާރަށް ކަމަށެވެ. އެހެން ނަމަވެސް އެކަންތައް ކުރެވޭނީ ދެގައުމުގެ ދެމެދުގައި މިފަދަ ވިޔަފާރީގެ ފޯރަމްތައް ބޭއްވި، މަޝްވަރާތަކެއް ކުރެވިގެން އުސޫލުތަކެއް ކަނޑައެޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުންތަކެއް ގާއިމުކުރުމުގެ މުހިއްމު ކަމުގެ މައްޗަށްވެސް އަކްޗަޕާ އަލި އަޅުއްވައިލެއްވިއެވެ.

އަކްޗަޕާ ފާހަގަ ކުރެއްވި ގޮތުގައި ތުރުކީއަށް މިރާއްޖެ މިއަދު ފެނި ދަސްވެއްޖެކަމަށާއި އެހެންކަމުން މިހާރު މިއޮތީ ރާއްޖޭގެ ރައްޔިތުން ތުރުކީއަށްގޮސް އެގައުމުގެ ސަގާފަތާއި އާދަކާދަތަކާއި އަދިވެސް އެގައުމު ރަނގަޅަށް ދެނެގަންނަންވީ ވަގުތު މިހާރު މިވަނީ ޖެހިފައެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުން ތުރުކީއަށް ޒިޔާރާތްކޮށް އެގައުމުގެ އާދަކާދައާއި ސަގާފަތް ދެނެގަނެ އެގައުމުގެ މީހުން ކަންކަންކުރާގޮތް ލޮލުންދެކި އަތުންހިފަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓާކިޝް-މޯލްޑިވިއަން ބިޒްނަސް ފޯރަމްގެ ޗީފް ގެސްޓް، ރާއްޖޭގެ ނައިބުރައީސް މުހައްމަދު ވަހީދުއްދީން ވިދާޅުވީ، ތުރުކީއާއި ރާއްޖެއާ ދެމެދުގައި ވިޔަފާރީގެ ގުޅުތައް ބަދަކި ކުރުމަށް ދެގައުމުގެ ސަރުކާރުންވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުންތަކެއް ގާއިމުރުމާއި ރާއްޖޭގައި ތުރުކީގެ ވިޔަފާރިވެރިން އިސްވެސްޓު ކުރުމުން އެފަރާތްތަކަށް އޮންނާނީ ކޮންކަލަ އިނާޔަތްތަކަކާއި ލުއިފަސޭހަ ކަމެއްކަން އެނގެން އޮތުމާއި، ޓެކުސް އިސްތިސްނާއެއް ލިބޭނެތޯ ނޫންތޯ އެނގެން އޮތުންފަދަ ވިޔަފާރީގެ އެއްބަސްވުންތަކެއް ދެގައުމުގެ ދެމެދުގައި ގާއިމް ކުރެވެން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޓާކިޝް-މޯލްޑިވިއަން ބިޒްނަސް ފޯރަމް 2013ގައި ތުރުކީގެ ވިޔަފާރިވެރިންނާއި އަދި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ބައިވެރިވެފައި ވެއެވެ.