11 Apr 2013, 23:06
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިންޑިއާގެ ޖީއެމްއާރަށް ކުރީގެ ސަރުކާރުން ދިން އިރު އެ ރާއްޖޭގެ އިގްތިސާދަށް ލިބިދާނެ ގެއްލުންތަކާއި ފައިދާތައް ދިރާސާކޮށްފައި ނުވާތީ އެ އެއްބަސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް މެނޭޖުކުރުމާއި އިގްތިސާދީ ގޮތުން ލިބޭނެ ފައިދާ އިތުރު ކުރެވޭނެ ފުރުސަތުތައް ސަރުކާރަށް ގެއްލިފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ ޖީއެމްއާރަށް އެއާޕޯޓް ދިން ގޮތުގެ ހާއްސަ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
ޕަބްލިކް ޕާޓްނާޝިޕެއްގެ ދަށުން އެއާޕޯޓް ޖީއެމްއާރަށް ދިން ގޮތުގެ ހާއްސަ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އައިއެންއައިއޭ އިންޑިއާގެ ޖީއެމްއާރަށް ދީފައިވާ އެބަސްވުމުގައި ރާއްޖޭގެ އިގްތިސާދަށް ލިބިދާނެ ގެއްލުންތަކާއި ފައިދާތައް ދިރާސާކޮށްފައި ނުވާތީ އޭގެ ނަތީޖާއެއްގެ ސަބަބުން ދިމާވާނެ ނުރައްކާތައް މެނޭޖުކުރުމާއި އިގްތިސާދީ ގޮތުން ލިބޭނެ ފައިދާ އިތުރު ކުރެވޭނެ ފުރުސަތުތައް ސަރުކާރަށް ގެއްލިފައިވާ ކަމަށެވެ. އަދި ޖީއެމްއާރް އިން އެއާޕޯޓާ ހަވާލުވުމަށް ފަހު ފީތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން އެ އެއްބަސްވުމުގެ ސަބަބުން ސަރުކާރަށް ލިބޭނެ ކަމަށް އަންދާޒާކުރި ފައިދާ ކުޑަވެފައިވާ ކަމަށް ބުނެފައިވެ އެވެ.
އޮޑިޓާ ޖެނެރަލް މިއަދު އާންމު ކުރި އެ އޮޑިޓް ރިޕޯޓްގައި އެ އެގްރިމެންޓާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ކަންބޮޑުވާ ކަންތައްތައް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެފަދަ އެގްރިމެންޓެއް ހެދުމަށް ޓަކައި ހުރި ފުރުސަތުތައް އެއްބަސްވުން އެކުލަވާލުމުގެ ކުރިން އިގްތިސާދީ ގޮތުން ދިރާސާ ކޮށްފައިނުވާ ކަމާއި ބީލަން ދިރާސާކުރި ގޮތް ފުރިހަމަ ނޫން ކަން ފާހަގަކޮށްފައިވެ އެވެ. އަދި އޭގެ އިތުރުން އޮޑިޓާ ޖެނެރަލް ވަނީ އެކުސިސް ބޭންކުން ލޯން ނެގުމަށް ދީފައިވާ ގެރެންޓީއަކީ މާލިއްޔަތު ގާނޫނުގެ ދަށުން ދީފައިވާ ގެރެންޓީއެއް ނޫން ކަމާއި ފީތަކަށް ގެނައި ބަދަލުތަކަކީ ކޮން ގޮތަކުން ބަލާފައި ގެނައި ބަދަލުތަކެއްކަން އެގެން ނެތުމާއި އެ އެގްރިމެންޓް ރާވައި ހިންގުމުގައި އެމްއޭސީއެލް ބައިވެރިކުރަން ޖެހޭ މިންވަރަށް ބައިވެރިކޮށްފައި ނުވުމާއި އެފަދަ މުއާމަލާތެއް ހިންގުމުގައި ގެންގުޅެން ޖެހޭ ހަރުދަނާ ރަނގަޅު އުސޫލުތަކެއް ބޭނުން ކޮށްފައިނުވާކަން ފާހަގަކޮށްފަ އެވެ.
އެއޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ޖީއެމްއާރުން އެއާޕޯޓާ ހަވާލުވުމަށް ފަހު ސަރުކާރަށް ފީގެ ގޮތުގައި އެއްފަހަރާ 78 މިލިއަން ޑޮލަރާއި ކޮންސެޝަން އެގްރިމެންޓުގެ ދަށުން އައިއެފްސީ އަށް ދައްކަން ޖެހޭ ފީއަށްވާ 3.7 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށެވެ. އަދި އެގްރިމެންޓްގެ ދަށުން އެއާޕޯޓް ތަރައްގީކުރުމާއި ކޮންސެޝަން ފީ ދެއްކުމުގެ ގޮތުން ޖީއެމްއާރުން 369 މިލިއަން ޑޮލަރު ހަރަދުކުރުމަށް އެއްބަސްވި ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ފަހުން ޖީއެމްއާރްއާއި އޭރުގެ ސަރުކާރާ އެކު ކޮންސެޝަން އަހަރީ ފީތަކަށް ގެންނަން އެއްބަސްވި ބަދަލުތަކެއްގެ ސަބަބުން އެ އެއްބަސްވުމުގެ ދަށުން ސަރުކާރަށް ލިބޭނެ ކަމަށް ބެލި ފައިދާ ކުޑަވެގެންދިޔަ ކަމަށް އެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އޭޑީސީ ނުނެގޭނެ ކަމަށް ސިވިލްކޯޓުން 2011 ވަނަ އަހަރު ހުކުމް ކުރުމުން ޖީއެމްއާރުން އެމްއޭސީއެލް އަށް ދައްކަން ޖެހޭ ކޮންސެޝަން ފީ އިން އޭޑީސީ ޖާޗް އުނިކުރުމަށް އޭރުގެ ސަރުކާރުން އެއްބަސްވުމާ ގުޅިގެން 2012 ވަނަ އަހަރުގެ ސެޕުޓެމްބަރުމަހުގެ ނިޔަލަށް 23 މިލިއަން ޑޮލަރުގެ ގެއްލުން ސަރުކާރަށް ލިބިފައިވާ ކަމަށް އެއޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އެއޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކުގެތަކުގެ ތެރޭގައި ޖީއެމްއާރާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުން މިދިޔަ އަހަރުގެ ތެރޭގައި އުވާލުމާ ގުޅިގެން އެ މައްސަލަ ގާނޫނީ ގޮތުން ހައްލުކުރުމަށް ޖީއެމްއާރުން އެ މައްސަލަ އާބިޓްރޭޝަނަށް ހުށައަޅާފައިވާ ކަމަށާއި އަދި ސަރުކާރުން ގެރެންޓީ ދީގެން އެކުސިސް ބެންކުން ޖީއެމްއާރަށް ދޫކޮށްފައިވާ 160 މިލިއަން ޑޮލަރުގެ ފައިސާ ބަދަލު ހޯދުމަށް ސަރުކާރާ އެ ބޭންކުން މަޝްވަރާކުރަމުންދާ ކަމަށް ފާހަގަކޮށްފައިވެ އެވެ.
އެ ރިޕޯޓްގައި ބުނެފައި ވަނީ ޖީއެމްއާރުން 2014 ވަނަ އަހަރުގެ ނިޔަލަށް އެއާޕޯޓް ތަރައްގީ ކުރުމުގެގޮތުން ނިންމާނެ ކަމަށް އެއްބަސްވި މަސައްކަތްތަކުގެ ތިން ބައިކުޅަ އެއްބައި 2012ގެ ނިޔަލަށް ނިންމާފައިވާ ކަމަށާއި އެ މަސައްކަތް މެދުކެނޑިފައި ވަނީ ޖިއެމްއާރުން ހުއްދަ ނުހޯދާ ކަމަށް ބުނެ ސިވިލް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ކަމަށް ބުނެފައިވެ އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިނގުމަށް ޖީއެމްއާރަށް ދިފައިވާ 25 އަހަރު ދުވަހުގެ އެގްރިމެންޓް ބާތިލްކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އަދި މިދިޔަ ޑިސެމްބަރު މަހު 7 ވަނަ ދުވަހު ސަރުކާރުން ވަނީ އެއާޕޯޓް ހިންގުން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)އާ ހަވާލުކޮށްފަ އެވެ.