11 Apr 2013, 22:36
އިސްލާމިކް ބޭންކިންގެ ހިދުމަތް ތައާރަފުކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހަތަރު މެންބަރުންގެ ޝަރީއާ އެޑްވައިޒަރީ ކޮމެޓީއެއް އުފައްދައިފި އެވެ.
ބީއެމްއެލް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ރާއްޖެ އިން ބޭރުގެ ތިން އިލްމުވެރިންނާއި މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޝަރީއާ ކައުންސިލްގެ މެންބަރުކަން ކުރައްވާފައިވާ، އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ ކަމަށެވެ.
އެ ކޮމެޓީގެ ޗެއާމަނަށް ހަމަޖައްސާފައި ވަނީ، ބީއެމްއެލް އިން ބުނި ގޮތުގައި، ދުނިޔޭގެ އެންމެ މަޝްހޫރު އެއް އިސްލާމީ ބޭންކް، އަލްބަރަކާ ބޭންކްގެ ޝަރީއާ ބޯޑުގެ މެންބަރު މުހައްމަދު ޝުއައިބު އުމަރު ކަމަށެވެ.
ބީއެމްއެލް އިން ބުނީ ޝަރީއާ ކޮމެޓީގައި ދެން ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުންނަކީ ދެކުނު އެފްރިކާގެ އަބްސާ އިސްލާމިކް ބޭންކްގެ އެކްޓިން ސީއީއޯ މުފްތީ ޔޫސުފު ސުލައިމާން އެވެ. އޭނާ އަކީ ބާކްލޭސް އެފްރިކާ ބޭންކްގެ ޝަރީއާ ކޮމްޕްލަޔަންސްގެ ހެޑް ވެސް މެ އެވެ. އަނެއް ބޭފުޅަކީ ޔޫރަޕް އަދި އޭޝިޔާ ގައުމުތަކުގައި އިސްލާމިކް ބޭންކިން ތައާރަފް ކުރައްވައި މުވައްޒަފުން ތަމްރީން ކުރެއްވުމުގައި އިސް ދައުރެއް އަދާ ކުރެއްވި ޒިޔާދު މުހައްމަދެވެ.
ބީއެމްއެލް އިން ބުނީ އިސްލާމިކް ބޭންކިން އާ ގުޅޭ ގޮތުން އެ ބޭންކްގެ ބޯޑާއި މެނޭޖްމަންޓަށް ލަފާ ދެއްވާނީ ޝަރީއާ ކޮމެޓީން ކަމަށެވެ.
އިސްލާމިކް ބޭންކިންގެ ހުއްދަ އެމްއެމްއޭ އިން ބީއެމްއެލް އަށް ވަނީ ދީފަ އެވެ.