19 Oct 2010, 15:26
ވިޔަފާރީގެ ބޭނުމަށް އަތުގައި މަސްތުވާތަކެތި ބަހައްޓައިގެން އުމުރަށް ޖަލަށްލާން ހުކުމް ކޮށްފައި ހުރި މީހަކު ބަނގުރާ ބޮއިގެން އަނެއްކާ ވެސް އެއް އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
ދައުލަތުން ދައުވާ ކުރުމުން މި ކުށް ސާބިތުވެގެން ޖިނާއީ ކޯޓުން މިއަދު އެއް އަހަރުގެ ޖަލު ހުކުމެއް ކޮށްފައި ވަނީ ވ. ސިނަމާލެ ފުލެޓް 4 03-03 މުސްތައީނު މުހައްމަދުގެ މައްޗަށެވެ.
ޖިނާއީ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މުސްތައީނަކީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގައި މެއި18، 2006 ދުވަހު ޖިނާއީ ކޯޓުން އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާމީހެއް ކަމަށާއި 2006 ވަނަ އަހަރު މާލޭ މަގުމަތީގައި ގުރޫޕް ހަދައިގެން ބަޔަކާއެކުގައި ބަނގުރާ ބޯން އިންދާ ފުލުހުންނަށް ފެނިގެން އޭނާގެ މައްޗަށް ބަގުރާބުއިމުގެ ކުށުގެދައުވާ ދައުލަތުން ކޮށްފައިވާ ކަމަށެވެ.
ޖިނާއީކޯޓުން ބުނީ މުސްތައީން އުމުރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމަށް މައާފުދީ ލުޔެއް ދީފައިވާކަން އަލަށް ހުށަހަޅައި ސާބިތުވި މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ އެއްވެސް ލިޔެކިޔުމަކުން އެންގެން ނެތްކަމަށެވެ.
ކޯޓުން މުސްތައީންގެ މައްޗަށް ދައުވާ ކުރުމުން އެއް އަހަރަށް ޖަލަށްލާން ހުކުމް ކުރުމުގެ އިތުރުން އޭނާ ބަނގުރާ ބުއިކަމަށް އިއުތިރާފުވެފައިވާތީ، 40 އެތިފަހަރުން ހައްދު ޖަހަން ވެސް ހުކުމް ކުރި އެވެ.
ބަނގުރަލުގެ އެހެން މައްސަލައިގައި އޭނާގެ މައްޗަށް މީގެ ކުރިން އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް 2006 ގައި ވެސް ކޮށްފައިވެ އެވެ.