11 Apr 2013, 19:22
މިދިޔަ އަހަރުން ފެށިގެން އަސަރީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ތައުލީމީ ފެއާ އެއް ކަމަށްވާ "މޯލްޑިވްސް އެޑިއުކޭޝަން އެކްސްޕޯ 2013" ހުޅުވައިފި އެވެ.
މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށް ގެންދަން ހަމަ ޖައްސާފައިވާ އެ ފެއާ ހުޅުއްވާ ދެއްވީ ރާއްޖޭގެ ތައުލީމާއި ބެހޭ ވަޒީރު ޑރ. އާސިމް އަހްމަދު އެވެ. މި ފެއާ ގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ތައުލީމީ ތަފާތު ދާއިރާ ތަކުން ބައިވެރިވާ 25 ސްޓޯލް ހިމެނެ އެވެ.
މޯލްޑިވްސް އެޑިއުކޭޝަން އެކްސްޕޯ ފެއާގެ މަގުސަދަކީ އެކި ދާއިރާ ތަކުން މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ފަރާތްތަކަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ހުރި ފުރުސަތު ތަކުގެ މައުލޫމާތު ފޯރު ކޮށްދިނުމާއި، އަދި އެ ފަދަ ފުރުސަތުތަކަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށް ދިނުމެވެ.
މިއަދު ފެއާ ހުޅުއްވައި ދެއްވުމަށްފަހު ބައިވެރީންނާއި މުޚާތަބު ކުރައްވައި، އާސިމް ވިދާޅުވީ ރާއްޖޭގައި ދެވޭ މަތީ ތައުލީމު ކުރި އެރުވުމަށް ސަރުކާރުން ބޮޑެތި މަސައްކަތް ތަކެއް ކުރަމުން ގެންދާތާ ގިނަ ދުވަސް ތަކެއް ވެފައި ވާއިރު އެ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުން އަސަރީ ސާވިސަސް އިން ކުރަމުން ގެންދާ މަސައްކަތް ތަކަށް ސަރުކާރުން ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒު ތަކުންވެސް އެ ފަދަ މުނާސަބަތު ތަކުގައި ބައިވަމުން ގެންދާތީ އެ ފަރާތްތަކަށް ވެސް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ސާނަވީ ތައުލީމު ނިންމުމަށް ފަހު ނުކުންނަ ދަރިވަރުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރު ވަމުންދާ ކަމަށާއި، އެގޮތުން ވޭތުވެ ދިޔަ އަހަރަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް އޯލެވެލް އިމްތިހާނުން ދަރިވަރުން ފާސްވި އަހަރު ކަމަށެވެ. އަދި ވިދާޅުވީ މި އަހަރަކީ ރާއްޖޭގައި އޭލެވެލް ފެންވަރަށް ކިޔަވައިދޭ ސްކޫލްތައް ވެސް އެންމެ ގިނަ އަދަދަކަށް އުފެދިގެން ދިޔަ އަހަރު ކަމަށެވެ.
"އަޅުގަނޑުމެންގެ ސާނަވީ ތައުލީމު ނިންމާފައި ނުކުންނަ ދަރިވަރުންގެ އަދަދު މިދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރު ވަމުން. އަދި ވޭތުވެދިޔަ އަހަރަކީ އަޅުގަނޑުމެން ފާހަގަ ކޮށްލާ ގޮތުގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް އޯލެވެލް ކުދީން ފާސްވެގެން ނުކުތް އަހަރުވެސްމެ. ހަމަ އެއާއި އެކީގައި ވޭތުވެ ދިޔަ އަހަރަކީ އަދި މި އަހަރަކީ އޭލެވެލް ކިޔެވުމުގެ ސްކޫލްތައް އެންމެ ގިނަ އަދަދަކަށް ރާއްޖޭގައި އުފެދިގެން ދިޔަ އަހަރުވެސްމެ،" އާސިމް ވިދާޅުވި އެވެ.
އާސިމް ވިދާޅުވީ ކޯސްތަކައް ކުރިމަތިލާ ފަރާތް ތަކުން އެ ކުރިމަތިލާ ކޯހަކީ ރާއްޖޭގެ ކޮލިފިކޭޝަން ފްރޭމްވޯކްގެ ތެރޭގައި ހިމެނޭ ކޯސްތަކެއްތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ފަދަ ކަންކަމަށް ބެލުމެއް ނެތި ބޭރު ގައުމުތަކަށް ގޮސް ބޮޑެތި ޚަރަދު ކޮށްގެން ހަދާ ބައެއް ކޯސްތަކަކީ ރާއްޖެއިން ގަބޫލު ނުކުރާ ކޯސްތަކަށް ވެފައި އެބަހުރި ކަމަށެވެ.
އޭނާ ވިދާޅުވީ އެ ފަދަ ދެރަ ގޮތެއް ދަރިވަރުންނަށް މެދުވެރި ނުވެ މަތީ މައުލީމު ހާސިލް ކުރުމުގެ ފުރުސަތު ތަނަވަސް ކޮށް ދިނުމުގެ ގޮތުން މިއަދު ހުޅުވި ފެއާގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސްޓޯލެއް ގާއިމު ކޮށްފައި ހުންނާނެ ކަމަށެވެ. އާސިމް ވިދާޅުވީ އެ ފެއާ އިން ތައާރަފްވާ ކޯސްތަކަކީ ރާއްޖެއިން ގަބޫލުކުރާ ކޯސްތަކެއް ތޯ ނުވަތަ ނޫން ތޯ އެ ސްޓޯލުން ސާފު ވާނެ ކަމަށެވެ.
މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް އެޑިއުކޭޝަން އެކްސްޕޯ ފެއާގައި ވެސް ރާއްޖެއާ ރާއްޖެއިން ބޭރުގެ ފަރާތްތަކުން ބައިވެރިވެފައި ވެއެވެ. އަސަރީ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ އިވެންޓް ކޯޑިނޭޓަރ ފާތުމަތު އަފްނާން ބުނީ މިދިޔަ އަހަރު ދެރޭގެ މަތީން ބޭއްވި ފެއާގައި ކޮންމެ ރެއަކު ގާތް ގަނޑަކަށް އެއްހާހަށް ވުރެ ގިނަ އަދަދެއްގެ މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.