އިނގިރޭސި ވިލާތިގެ ޕްރިމިއާ ލީގުގައި ކުރިއަށް އޮތް ފުޓްބޯޅަ ސީޒަންގައި ގޯލް-ލައިން ޓެކްނޯލޮޖީ ބޭނުން ކުރުމަށް އެލީގުން މިއަދު ނިންމައިފިއެވެ.

ކުރިއަށް އޮތް ސީޒަންގައި ގޯލްލައިން ޓެކްނޯލޮޖީ ބޭނުންކުރުމަށް ނިންމާފައިވަނީ ލަންޑަނުގައި މިއަދު ބޭއްވުނު ޕްރިމިއާ ލީގުގައި ކުޅޭ 20 ކުލަބުގެ ޗެއާމަނުންގެ ބައްދަލުވުމުގައި އެގޮތަށް ތާއީދުކޮށް ކުލަބުތުކުން ވޯޓު ދިނުމާ ގުޅިގެންނެވެ. އެގޮތުން ޕްރިމިއާ ލީގަކީ ޑޮމެސްޓިކް ލީގެއްގައި ގޯލް-ލައިން ޓެކްނޯލޮޖީ ބޭނުންކުރާ ފުރަތަމަ ލީގަށް ވެގެންދާނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ޕްރިމިއާ ލީގުގައި ބޭނުންކުރުމަށް ނިންމާފައިވަނީ ކްރިކެޓާއި ޓެނިސްގައި ބޭނުންކުރާ "ކެމެރާ-ބޭސްޑް ބޯލް-ޓްރެކިން ޓެކްނޯލޮޖީ" ބޭނުން ކޮށްގެން އުފައްދާފައިވާ ހޯކްސް-އައި ސިސްޓަމެކެވެ.

ޕްރިމިއާ ލީގުގައި ބޭނުންކުރުމަށް ނިންމާފައިވާ ހޯކްސް-އައި ސިސްޓަމަކީ، ކޮންމެ ގޯލެއްގައި ހަތް ކެމެރާ ހަރުކުރެވިގެން އޭގެ ނިންމުންތައް ވަރަށް ސީދާކަމާއެކު ނިންމުމުގެ ގާބިލްކަން ލިބިގެންވާ ސިސްޓަމެކެވެ. އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން މިހާރު ގެންދަނީ އޯގަސްޓުމަހުގައި އޮންނަ ކޮމިއުނިޓީ ޝީލްޑް މެޗަށް ވެމްބްލީ ސްޓޭޑިއަމްގައި އެ ސިސްޓަމް ބޭނުން ކުރަން ތައްޔާރުވަމުންނެވެ.