ފުޓްބޯޅަ ކުޅުންތެރިންނާއި ކޯޗުންނާއި އޮފިޝަލުންގެ ތެރެއިން ނަސްލީ ގޮތުން އެހެން ކުޅުންތެރިންނާ ދިމާކޮށް ފުރައްސާރަ ކުރާ ފަރާތްތަކަށް އަދަބެއްގެ ގޮތުގައި 10 މެޗުގެ ސަސްޕެންޝަނެއް ދޭގޮތަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ (ޔުއެފާ)އިން ހުށަހަޅައިފިއެވެ.

ޔުއެފާގެ ޖެނެރަލް ސެކްރެޓަރީ ގިއާނީ އިންފެންޓިނޯ ހާމަ ކުރިގޮތުގައި ކުޅުންތެރިންނާއި ނަސްލީގޮތުން ދިމާކުރާ ކުޅިބެލުންތެރީންނާ ދެކޮޅަށްވެސް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެ އިދާރާއިން ވަނީ ހުށަހަޅާފައެވެ. އެގޮތުން ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކުރާ ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވޭ ގޮތް ހެދުމާއި، އަދި އެފަދަ ހާދިސާއެއް ސަޕޯޓަރުންގެ ފުށުން ފެނިއްޖެނަމަ، އެ އެކުލަބެއްގެ ސަޕޯޓަރުން ދަނޑުގައި ތިބި ހިސާބެއް ޖެހިގެން އަންނަ މެޗަށް ބަންދުކޮށް އަދި އެކަން ތަކުރާރު ކޮށްފިނަމަ އެކުލަބެއް 50000 ޔޫރޯއަށްވުރެ މަދުނޫން އަދަދަކުން ޖޫރިމަނާކޮށް ޖެހިގެން އަންނަ މެޗު ކުޅެން ޖެހޭނީ ކުޅިބަލާމީހުން ނުވައްދައި ދަނޑު ބަންދު ކޮށްގެނެނެވެ.

ކުޅުންތެރިންނާއި ނަސްލީ ގޮތުން ދިމާކުރުމާއި ފުރައްސާރަ ކުރުމާ ދެކޮޅަށް މިދުވަސްވަރު އަޑުގަދަވެފައިވަނީ އިޓަލީގެ ޕްރޯ ޕެޓްރިއާގެ ދަނޑުގައި އެ ކުލަބާއެކު އޭސީ މިލާނުން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ޕެޓްރިއާގެ ސަޕޯޓަރުން މިލާނުގެ ގާނާ މިޑްފީލްޑަރު ކެވިން ޕްރިންސް ބޯޓެންއާއި ނަސްލީގޮތުން ދިމާކޮށް ފުރައްސާރަ ކުރުމުން އޭނާ މެޗު ހުއްޓާލާފައި ކުލަބުގެ އެހެން ކުޅުންތެރިން ގޮވައިގެން ދަނޑުން ފައިބައިގެންދިޔަ ހާދިސާއާ ގުޅިގެންނެވެ.

އަލަށް އެކުލަވައިލެވުނު "އެންޓި-ރޭސިޒަމް ޕްރޮޕޯސަލް"އަށް ޔުއެފާއިން އަންނަ މޭ މަހުގައި ލަންޑަންގައި އޮންނަ ބައްދަލުވުމުގައި ވޯޓަށް އަހާނެއެވެ. އަދި އެގޮތަށް އެ ހުށަހެޅުން ފާސްވެއްޖެ ނަމަ، ޖުލައިމަހުގެ ފަހުން ކުޅެވޭ ޔުއެފާ މުބާރާތްތަކަށް އެގަވާއިދުތައް ތަންފީޒު ކުރަން ފަށާނެއެވެ. އަދި ޔުއެފާއިން ވަނީ އަލަށް ހުށަހެޅުނު ގަވާއިދުތައް ފާސް ވެއްޖެ ނަމަ، އެ އެސޯސިއޭޝަންގައި ހިމެނޭ މެންބަރު ގައުމުތަކުގެ ގައުމީ ފެންވަރުގައި ކުޅެވޭ މުބާރާތްތަކުގައިވެސް އެ ގަވާއިދުތައް ތަންފީޒުކުރުމަށް ގޮވާލާފައެވެ.