ހައްޖަށް މީހުން ގެންގެންދިޔުމުގެ ގޮތުން މި ވަގުތު އެއްވެސް ކަމެއް ނުކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

ސިވިލް ކޯޓުން އެގޮތަށް އަމުރު ނެރެފައި ވަނީ ހައްޖު ކޯޓާތަކަށް އެދި ހުށަހެޅި ޕްރޮޕޯސަލްތައް ބަލައިގަތުމަށް ފަހު އިވެލުއޭޓް ނުކުރުމަށް ނިންމައިފައި ވަނީ ރާއްޖޭން މީހުން ހައްޖަށް ގެންދިޔުމާ ބެހޭ އާންމު އުސޫލާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހަތަރު ކުންފުންޏަކުން އެ ކޯޓަށް މައްސަލަ ހުށަހަޅައި، އެފަދަ ވަގުތީ އަމުރެއް ނެރެދިނުމަށް އެދުމުންނެވެ.

ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅީ އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑާއި އަލްފަތުހު ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑާއި ޞަފާ ޕްރައިވެޓް ލިމިޓެޑާއި ކްލެސިކް ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑުން ނެވެ.

ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ އެ ހަތަރު ކުންފުނިން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދެވިފައިވާ ފަރާތްތަކާއި އަދި ހުއްދަ ދެވޭނެ ފަރާތްތަށް ކަމުގައި ބަލައިގެން އެއްވެސް ކަމެއް ނުކުރުމަށް ދައުލަތުގެ މައްޗަށާއި އެކަމުގެ މަސްލަހަތު އޮތް އެންމެހައި ފަރާތްތަކުގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.

"ސިވިލް ކޯޓުގެ (ގަޒިއްޔާ ނަންބަރ) ގަޒިއްޔާގައި ހުކުމް ކުރާން ދެން، ނުވަތަ ކޯޓުން އެހެން ގޮތަކަށް އަންގާން ދެން 1434 ވަނަ އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދިނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާފައިވާ ފަރާތްތަކާ ގުޅޭގޮތުން އިތުރު އެއްވެސް ނިންމުމެއް އަދި ކަމެއް ވެސް ނުކުރުމަށާއި، ހުއްދަ ދެވިފައިވާ ނުވަތަ ހުއްދަ ދެވޭނެ ފަރާތްތައް ކަމުގައި ބަލައިގެން އެއްވެސް ކަމެއް ނުކުރުމަށް ދައުލަތުގެ މައްޗަށާއި މިކަމުގެ މަސްލަހަތު އޮތް އެންމެހައި ފަރާތްތަކުގެ މައްޗަށް އަމުރުކޮށްފީމެވެ،" ސިވިލް ކޯޓުގެ އަމުރުގައި ބުނެފައި ވެއެވެ.