11 Apr 2013, 18:06
އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ދޭތިން ފަހެތި ކެންޕޭނުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ޅ އަތޮޅަށާއި ބ އަތޮޅަށް ފުރާވަޑައިގެންފި އެވެ.
އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ސިޔާސަތު ރައްޔިތުންނާ ހަމައަށް ގެނެސް ދިނުމަށްޓަކައި ރަށްތަކަށް ކުރަމުންދާ ދަތުރުތަކުގައި މިއަދު ޅ އަތޮޅަށާއި ބ އަތޮޅަށް ފުރާވަޑައިގަތުމުގެ ކުރީން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ޅ އަތޮޅަށާއި ބ އަތޮޅަށް ކުރައްވާ ދަތުރަކީ އެމްޑީޕީގެ ސިޔާސަތު ރައްޔިތުންނާ ހަމައަށް ގެނެސް ދިނުމަށް ޓަކައި ކުރައްވާ ދަތުރު ތަކެއް ކަމަށެވެ.
"ލ އަތޮޅާއި ބ އަތޮޅަކީ އަޅުގަނޑުމެން ވަރަށް އިސްކަންދޭ ދެ އަތޮޅު. އެހެންވީމާ އަޅުގަނޑުމެންގެ މި ދަތުރަކީ އެމްޑީޕީގެ ސިޔާސަތުތައް ރައްޔިތުންނާ ހަމައަށް ގެނެސް ދިނުމަށް ޓަކައި ކުރާ ދަތުރުތަކެއް. " ނަޝީދު ވިދާޅުވިއެވެ.
ހައިކޯޓުގައި މިއަދު ކުރިއަށް ދިޔަ ޝަރީޢަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދުގެ ޝަރީޢަތުގެ އަޑުއެހުމުގައި ޖޭއެސްސީން އިޖުރާއީ ނުކުތާތަކެއް ނެންގެވި ކަމަށާއި އެހެން ކަމުން ޖޭއެސްސީން ނެގި އިޖުރާއީ ނުކުތާތަކަށް ޖަވާބުދާރީ ވުމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުގެ ފަރާތުން އެއް މަސް ދުވަހުގެ މުއްދަތެއް އެދިވަޑައިގަތް ކަމަށެވެ. އަދި ގާނޫނީ ޓީމުން އެދިވަޑައިގެންނެވި ގޮތަށް ކޯޓުން އެއް މަސް ދުވަހުގެ މުއްދަތު ދެއްވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން ވިދާޅުވީ އެ ދަތުރުފުޅަކީ ކޯޕަން ހޭގަން ޔުނިވާސިޓީގައި ތަގުރީރު ކުރެއްވުމަށް އެދިވަޑައިގެން އެ ޔުނިވާސިޓީން ދެއްވި ދައުވަތަކާއި ގުޅިގެން ކަމަށެވެ. އަދި އެ ދަތުރުގައި ޑެންމާކް ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވޭނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން ކަމަށް ނަޝީދު ވިދާޅުވި އެވެ.