11 Apr 2013, 17:10
ދެހާސް ދިހަ ވަނަ އަހަރުގެ ތެރޭގައި ފުވައްމުލަކުގައި ހިނގި މާރާމާރީއެއްގައި ހަތް މީހެއްގެ ގަޔަށް ވަޅި ހަރައި ޒަޚަމްކޮށްލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލައިފައިވާ ހަތަރު މީހުންގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
ދެހާސް ދިހަވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުވައްމުލަކުގައި ހަތް މީހަކަށް ވަޅިން ހަމަލާދިން ކަމުގެ ތުހުމަތުގައި ދައުވާ އުފުލައިފައި ވަނީ ޏ. ފުވައްމުލައް ކަރަންކާއާގޭ ހަސަން ފަރީދު އާއި އެ ރަށު ޒަމާނީވިލާ އަބްދުﷲ ޒާހިރު އާއި އެ ރަށު ބާނޒު ނިއުޝާދު މުހައްމަދު އާއި ކުއޭތު ޝުފާއު އަހުމަދުގެ މައްޗަށެވެ.
އެ ހަތަރު މީހުންގެ މައްޗަށް އުފުލާފައި ވަނީ މީހަކު މަރާލެވިދާ ފަދަ އެއްޗަކާ އެކު ޣައިރުގާނޫނީ އެއްވުމަކުން ބާރުދެއްކުމުގެ ކުށުގެ ދައުވާ އެވެ.
އެ ދައުވާ އެ މީހުންގެ މައްޗަށް އުފުލާފައި ވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:30 އެހާކަންހާއިރު ފުވައްމުލަކު ދޫޑިގަން ބޮޑުފަންނު މަގާއި ބަހާރު މަގާ ގުޅޭ ހަތަރު އަނގޮޅިއަށް އެ ހަތަރު މީހުން ގޮސް އެތަނުގައި ހުރި ކެއުފިނިގޭ ކުރިމަތީގައި ހުރި ފަޅުގޭގެ ކުރިމަތީގައި ހުރި ފާރުބުރި މަތީގައި ތިބި ހަތް މީހުންނަށް ވަޅިން ހަމަލާދިން ކަމުގެ ތުހުމަތުގަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ދައުވާގައި ދައުލަތުން ތުހުމަތުކޮށްފައިވާ ކަންތައް އެމީހުން ކުރި މަންޒަރު ދުށްކަމަށް ސާފުބަހުން ހެކީން ހެކިބަސް ދީފައިވާ ކަމަށެވެ. އެހެންކަމުން ދައުލަތުން ހުށަހެޅި ހެއްކާ ގަރީނާތަކުގެ މައްޗަށް ރިއާޔަތްކޮށް އެ ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ދިނުމަށް ވެސް ދައުލަތުގެ ވަކީލާ އެދިވަޑައިގަތެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޚުލާސާ ބަޔާން ހުށަހަޅަމުން އެ ހަތަރު މީހުން ބުނީ ދައުލަތުން ހުށަހެޅި ހަތް ހެކީން ތަހުގީގަށް ދީފައިވާ ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރުމަށް ފަހު ދެން އޮންނާނީ ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލީސް ކަމަށެވެ.
ކެއުފިނިގޭ ކުރިމަތީގައި ހުރި ފާރު ބުރި މަތީގައި ތިބި ހަތް މީހުންގެ ތެރެއިން އެ ރަށު ދޫޑިގަން އާސްމާނުގޭ އަބްދުﷲ ޝުހާދުގެ މެއާ ދިމާލުން ކަނާތު އަރިކަށް ޓަށް ވަޅިން ދިން ހަމަލާއަށް ބޭސް ފަރުވާ ކުރަމުން ދަނިކޮށް 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އޭނާ ވަނީ މަރުވެފަ އެވެ.
ޝުހާދުގަޔަށް ވަޅިހަރައި އޭނާ މަރާލި ކަމުގެ ތުހުމަތުގައި އެ މީހުންގެ ތެރެއިން ހަސަން ފަރީދުގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ވެސް އުފުލާފަ އެވެ. އެ މައްސަލައިގައި ވެސް ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.