11 Apr 2013, 16:29
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލަ ބެލުމަށް ފަނޑިޔާރުންގެ ބެންޗު އެކުލަވައިލައިފައި ވަނީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
ޖޭއެސްސީ އިން އެގޮތަށް ބުނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަކީ ގާނޫނާ ޚިލާފަށް ޖޭއެސްސީން އެކުލަވާލާފައިވާ ބެންޗެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައިކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިޖުރާއީ ނުކުތާއެއް ނަންގަވަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނަޝީދުގެ ގާނޫނީ ޓީމުން މައްސަލަ ހުށަހެޅުމުން އިޖުރާއީ ނުކުތާއެއް ނަންގަވައި ޖޭއެސްސީގެ ވަކީލު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަ ބެލުމަށް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައި ވަނީ އެ ކޮމިޝަނުން ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދުމުން އެ ބެންޗު އެކުލަވާލުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ލަފާދެއްވުމުން ކަމަށެވެ.
ޖޭއެސްސީގެ ވަކީލު ވިދާޅުވީ އެފަދަ ލަފަޔަކަށް ސުޕްރީމް ކޯޓުގައި އެދެންޖެހުނީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ބޭފުޅުންގެ ޝަރީއަތް ކުރުމަށް ފަނޑިޔާރުންގެ ބެންޗެއް ކަނޑައަޅައި ދެއްވުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އެ ކޮމިޝަންގައި އެދުމުން ކަމަށެވެ. އަދި އެ ބެންޗުގައި ހިމަނާފައިވާ ތިން ފަނޑިޔާރުންނަކީ ތައުލީމާއި ތަޖުރިބާގެ ގޮތުން ގާބީލް ބޭފުޅުން ކަމަށް ވެސް ޖޭއެސްސީގެ ވަކީލު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓަކީ އަދުލުއިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ބާރުކަމަށާއި ސުޕްރީމް ކޯޓުން ނިންމާ ނިންމެއް އެއްވެސް ކޯޓަކަށް ހުށަނޭޅޭނެ ކަމަށާއި އެހެންކަމުން އެ މައްސަލައަކީ ހައިކޯޓަށް ހުށަހެޅިގެންވާނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް ވެސް ޖޭއެސްސީގެ ވަކީލު އެދިވަޑައިގަތެވެ.
އެ މައްސަލަ ބެލުމަކީ ހައިކޯޓުގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށާއި އެ މައްސަލަ ބެލުމުގެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ހައިކޯޓަށް ލިބިގެން ނުވާ ކަމަށް ވެސް ޖޭއެސްސީގެ ވަކީލު ވިދާޅުވި އެވެ.
ޖޭއެސްސީން ނެންގެވި އިޖުރާއީ ނުކުތާއާ ގުޅޭ ގޮތުން ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ ސިޓީ އަކުން އެފަދަ އެންގުމެއް ސުޕްރީމް ކޯޓުން އެންގިއަސް އެއީ ޝަރީއަތުން ނިންމި ނިންމުމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނަޝީދުގެ ގާނޫނީ ޓީމުން ވަނީ ޖޭއެސްސީން ނެންގެވި އިޖުރާއީ ނުކުތާތަތައް ދިރާސާ ކުރުމަށް 30 ދުވަހުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.
ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ހައިކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް އަލީ ވިދާޅުވީ ނަޝީދުގެ ގާނޫނީ ޓީމުން ބޭނުންވާ ނަމަ އިޖުރާއީ ނުކުތާތައް ދިރާސާ ކުރުމަށް 30 ދުވަހަށް ވުރެ އިތުރު މުއްދަތަކަށް ވެސް ފުރުސަތު ދެވިދާނެ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން އިސް ފަނޑިޔާރު ޝަރީފް ވިދާޅުވީ އެ މައްސަލަ ދެން އޮންނާނެ ދުވާހެއް ފަހުން އަންގަވާނެ ކަމަށެވެ.
އިސް ފަނޑިޔާރު ޝަރީފްގެ އިތުރުން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަ ވަނީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އާއި ފަނޑިޔާރު އައްބާސް ޝަރީފް އެވެ.
އެ މައްސަލައާ މެދު ހައިކޯޓުން ވަކިގޮތެއް ނިމެންދެން ނަޝީދުގެ ޝަރީއަތް ކުރިއަށް ނުގެންދިޔުމަށް ހައިކޯޓުން ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ މައްޗަށް އަމުރުކޮށްފަ އެވެ.