މި އަހަރު ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އަށް އެދި އިސްލާމިކް މިނިސްޓްރީ އަށް ޕްރޮޕޯޝަލް ހުށަހެޅި ހަތަރު ޖަމާއަތެއްގެ ޕްރޮޕޯޝަލްތައް ބާތިލުކުރި މައްސަލައެއް ކޯޓަށް ހުށަހަޅައިފި އެވެ.

އަލް މަނާސިކް ޖަމާއަތާއި އަލް ފަތުހު ޖަމާއަތާއި އާއި ސޮފާ ޖަމާއަތުގެ އިތުރުން ކްލެސިކް ހައްޖު އެންޑް އުމްރާ ޖަމާއަތުގެ ފަރާތުން ކޯޓުގައި އެ މައްސަލާގައި ވަކާލާތު ކުރައްވާ ގާނޫނީ ވަކީލު އަރީފް އަހުމަދު ނަސީރު މިއަދު ވިދާޅުވީ އިއްޔެ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ އެ މައްސަލައިގެ ފުރަތަމަ އަޑު އެހުން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަރީފް އަދި ވިދާޅުވީ އެ މައްސަލަ އެ ޖަމާއަތްތަކުން ކޯޓަށް ހުށަހެޅުމަށް ނިންމާފައި ވަނީ އެ ފަރާތްތަކުން އިސްލާމިކް މިނިސްޓްރީ އަށް ހުށަހެޅި ޕްރޮޕޯޝަލްތައް ބަލައިގަތުމަށް ފަހު އިވެލުއޭޓް ނުކުރުމަށް މިނިސްޓްރީން ނިންމާފައިވާތީ ކަމަށެވެ. އަދި އެ ގޮތަށް ނިންމާފައި ވަނީ ރާއްޖޭގައި ހައްޖަށް މީހުން ގެންދިއުމުގައި އަމަލު ކުރަމުން ގެންދާ އުސޫލުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ކަމަށެވެ.

"އެބޭފުޅުން [އިސްލާމިކް މިނިސްޓްރީން] ޕްރޮޕޯޝަލްތައް ބަލައިގަތުމަށް ފަހު އެތަކެތި އިވެލުއޭޓް ނުކުރުމަށް ވަނީ ނިންމައިފައި. އެހެންވެ އެ ނިންމުމަކީ ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ކަނޑައެޅުމަށް ކޯޓުގައި ވާނީ އެދިފައި،" އަރީފް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުހައްމަދު ދީދީ މިއަދު ވިދާޅުވީ ޕްރޮޕޯޝަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ހަ ފަރާތެއްގެ ޕްރޮޕޯޝަލް ބަލައިގަތް ނަމަވެސް އެ ޕްރޮޕޯޝަލްތައް އިވެލުއޭޓް ކޮށްފައި ނުވަނީ ގަވާއިދުގެ 21 ވަނަ މާއްދާއާ ހިލާފަށް އެ ޕްރޮޕޯޝަލް ހުށަހަޅައިފައިވާތީ ކަމަށެވެ. އަދި އެ މައްސަލާގައި އެއްވެސް ފަރާތެއްގެ ހައްގެއް ގެއްލޭ ނަމަ އެކަމެއް ޝަރީއަތުގެ މަރުހަލާއިން ކަނޑައެޅުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"އެ ގަވާއިދުގެ 21 ވަނަ މާއްދާގައި (ހ)ގައި ބުނަނީ އެ ޕްރޮޕޯޝަލް ބަލައިގަނެވޭނީ މީހަކު މެދުވެރިކޮށޭ، އަދި އެ މާއްދާގެ އެބަ އޮވޭ އެ ޕްރޮޕޯޝަލް ބަލައިގަތުމަށް ޓަކައި އެ ފޮނުވާ މީހާގެ އަތުގައި އެކުންފުނީގެ ލިޔުމަކާއި އެމީހާގެ އައިޑީކާޑު އޮންނަން ޖެހޭނެ ކަމަށް. ނަމަވެސް އެ ލިޔުން ނެތި ޕްރޮޕޯޝަލްތައް މިނިސްޓްރީން ބަލައިގެން ނަމަވެސް އެ ގަވާއިދުގައި އެބަ ބުނޭ ލިޔުން ނެތި ހުށަހަޅާ ޕްރޮޕޯޝަލް ނެތި ޕްރޮޕޯޝަލް ބަލައިނުގަނެވޭނެއޭ. އެހެންވެ މިނިސްޓްރީ އަށް ކުށެއް ކުރެވުނު ނަމަވެސް އެކަމުގައި ގާނޫނީ ލަފާ ދެއްވި ބޭފުޅުން ވެސް ވިދާޅުވީ އެކަންތައް ކުރިއަށް ގެންދަން ވާނީ ގަވާއިދާ އެއްގޮތަށޭ،" ޑީޑީ ވިދާޅުވި އެވެ.

ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި 17 ކުންފުންޏަކުން ޕްރޮޕޯޝަލް ހުށަހެޅި ނަމަވެސް ފުރަތަމައިނުން ވެސް ދެ ކުންފުންޏެއްގެ ޝަރުތު ހަމަނުވެގެން ކެންސަލްކޮށްފަ އެވެ. ހައްޖު ކޯޓާ އަށް އެދުނު ކުންފުނިތަކުގެ ތެރެއިން އެ ހުއްދަ ލިބިފައި ވަނީ އަށް ޖަމާއަތަކަށެވެ. އެ އަށް ޖަމާއަތަށް ސަރުކާރުން ދޫކުރި ކޯޓާތައް މިހާރު ވަނީ ހުސްވެފަ އެވެ. އެކަމުގެ ސަކުވާ އާއްމުން ގެންދަނީ އުފުލަމުންނެވެ.

ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ޓަކައި މިފަހަރު ރާއްޖެ އަށް ސައުދީ އަރަބިއްޔާ އިން ދީފައިވާ 1000 މީހުންގެ ކޯޓާގެ ތެރެއިން 874 ކޯޓާ އަށް ގްރޫޕަށް ހަމަހަމަކޮށް ދީފައިވާ އިރު އަނެއް 126 ކޯޓާ ހާއްސަކޮށްފައި ވަނީ މިދިޔަ އަހަރު ޖަމާއަތަކަށް ފައިސާ ދައްކައިގެން ހައްޖަށް ނުދެވިފައިވާ މީހުންނަށެވެ. އަދި އެ ކޯޓާގެ މައްސަލަ އަންނަ ހަފްތާގެ ތެރޭގައި ނިންމާނެ ކަމަށް އިސްލާމިކް މިނިސްޓުރީ ބުންޏެވެ. މިދިޔަ އަހަރު ހައްޖަށް މީހުން ގެންދިއުމަށް ފައިސާ ނަގައި މީހުން ހައްޖަށް ނުފޮނުވާ ޖަމާއަތަކީ މަލީޝާ ހައްޖު ޖަމާއަތެވެ. އެ ޖަމާއަތުން 175 މީހެއްގެ އަތުން 11.9 މިލިއަން ރުފިޔާ ނަގާފައިވެ އެވެ.