އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖްކަޕް ކުޅުމަށް ހަމަޖެހިފައިވާ ދަނޑުތައް ތަރައްޤީ ކުރުމުގެ ގޮތުން ކުރަންހުރި މަރާމާތުތައް ފަރުމާކުރުމަށް ފަސް ފަރާތަކުން ބިޑް ހުށައަޅާފައިވާ ކަމަށް ކުޅިވަރާ ބެހޭ މިނިސްޓުރީން ބުނެފިއެވެ.

ކުރިއަރަމުން އަންނަ ގައުމުތަކަށް އިސްކަން ދީގެން އޭއެފްސީ އިން ބާއްވާ އެ މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ގަލޮޅު ރަސްމީ ދަނޑާއި އައްޑޫ ޒޯން ސްޓޭޑިއަމްގަ އެވެ.

ކުޅިވަރާ ބެހޭ މިނިސްޓުރީން ބުނީ، ޗެލެންޖް ކަޕް ކުޅުމަށް ހަމަޖެހިފައިވާ ދެ ސްޓޭޑިއަމް ކަމަށްވާ، ގަލޮޅު ރަސްމީ ދަނޑާއި އައްޑޫ ޒޯން ސްޓޭޑިއަމް، ތަރައްގީ ކުރުމުގެ ގޮތުން ކުރަން ހުރި މަރާމާތުތައް ފަރުމާކުރުމާއި، މަސައްކަތްތަކުގެ ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވާތީ، އެކަމަށް ޝައުގުވެރިކަން ހުރި ފަރާތެއް ހޯދުމަށް މިނިސްޓުރީން އެފުރުސަތު ހުޅުވާލާފައި ވަނީ ހުސްވި މާޗް މަހުގެ ފަހުކޮޅުގަ އެވެ. އެގޮތުން އެ ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު އެ މަސައްްކަތް ކުރުމަށް ބިޑު ހުށައަޅާފައި ވަނީ ޖުމްލަ ފަސް ފަރާތަކުން ކަމަށް މިނިސްޓުރީން މައުލޫމާތުދެ އެވެ. އެހެން ނަމަވެސް އެ ފަސް ފަރާތަކީ ކޮބައި ކަމެއް މިނިސްޓރީން ހާމަކޮށްފައެއް ނުވެ އެވެ.

މިނިސްޓުރީން ބުނީ، ދަނޑުތައް މަރާމާތު ކުރުމަށް އެދި އެ ފަސް ފަރާތުން ހުށައެޅިފައިވާ ބިޑުތައް މިހާރު ވަނީ ބަލައިގަންފައިވާ ކަމަށާއި ބިޑުތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

އެ މުބާރާތަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މުބާރާތަކަށް ވާތީ ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި ފުޓަބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން މަސައްކަތް ކުރަމުން ގެންދަނީ އޭއެފްސީގެ ރެކޮމެންޑޭޝަންތަކަށް އެ ދެ ސްޓޭޑިއަމް ފެއްތުމަށެވެ. އެގޮތުން ގަޅޮޅު ރަސްމީ ދަނޑުގައި މީޑިޔާއަށާއި މެޗް ކޮމިޝަނަރަށް ހާއްސަ ރޫމުތަކެއް ހެދުމާއި، ހިތަދޫ ޒޯން ސްޓޭޑިއަމްގައި ދެ ޗޭންޖިން ރޫމް ހެދުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް މިނިސްޓްރީން ބުންޏެވެ.