11 Apr 2013, 15:08
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ އެންމެހައި ހުކުމް ތަކާއި އަމުރު ތަކާއި ނިންމުން ތަކަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި އެ ކޯޓުގެ އެންމެހައި ހުކުމް ތަކަށާއި އަމުރު ތަކަށް އެންމެހައި ފަރާތް ތަކުން ވެސް ތަބާވުން ލާޒިމް ވެގެންވާ ކަމަށް ސްޕްރީމް ކޯޓުން ބުނެފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސްޕްރީމް ކޯޓުގެ އެންމެހައި ހުކުމް ތަކާއި އަމުރު ތަކާއި ނިންމުން ތަކަކީ އެއިން ދޭހަވާ ގާނޫނީ އެންމެހައި ނަތީޖާތަކާއިއެކު އިތުރު ބަދަލަކާއި ނުލައި އިތުރު މާނަ ކުރުމަކާއި ނުލައި އަދި ބަދަލު ގެނައުމަކާއި ނުލައި އޭގެ މައްޗަށް އަމަލު ކުރުން ގާނޫނީ ގޮތުން ލާޒިމް އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އެ ކޯޓުގެ ނިންމުން ތަކަށް ދައުލަތުގެ އެންމެހައި ބާރުތަކުން ފުރިހަމައަށް ތަބާވާން ޖެހޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން އެފަދަ ބަޔާނެއް ނެރެފައި ވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަން އެ ކޮމިޝަންގެ މެންބަރުކަމުން ވަކިކުރުމަށް މަޖިލީހުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވަނިކޮށް، އެ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އަދި މިއަދު ވަނީ އެ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް މަޖިލީހުން އިއުލާންކޮށްފަ އެވެ.