11 Apr 2013, 15:02
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން މިދިޔަ އަހަރު ބަދަލުވި އިރު އޭރުގެ ނައިބް ރައީސް އަދި މިހާރުގެ ރައީސުލްޖުމްހޫރީއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އަތްޕުޅުގައި ހަތިޔާރު ހުރި ކަމުގެ ތުހަމެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވައިފި އެވެ.
ޖަނަވަރީމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދު ކަންމާތީގައި އެމްޑީޕީން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ނަޝީދު ތުހުމަތު ކުރެއްވީ އެމަނިކުފާނުގެ ވެރިކަން ބަދުވި ދުވަހު ރައީސް ވަހީދުގެ އިތުރަށް އިދިކޮޅު ފަރާތްތަކުގެ ބެލުމުގެ ދަށުގައި ވެސް ހަތިޔާރު ހުރި ކަމަށެވެ. އަދި އެ ދުވަހު ނަޝީދު ހަތިޔާރުގެ ބޭނުން ނުކުރެއްވީ އެމަނިކުފާނާ އިދިކޮޅު ފަރާތްތަކުގެ އަތުގައި ހަތިޔާރު ހުރުމުން ކަމަށާއި އެމަނިކުފާން ހަތިޔާރުގެ ބޭނުން ކުރެއްވި ނަމަ އެ ދުވަހުގެ އަނިޔާވެރިކަން މާ ބޮޑުވެގެންދިޔައިސް ކަމަށެވެ.
"ވެރިކަން ބަދަލުވި ދުވަހު އެ ބޭފުޅުންގެ އަތުގައި ހަތިޔާރު ހުރި. އެ ބޭފުޅުން ހަތިޔާރު ގެންދަވައިފި. ޑރ. ވަހީދު އަތުގައި ވެސް އޭރު ހަތިޔާރު ހުރި. އަދި އެހެން ކިތަންމެ ބައެއްގެ އަތުގައި ވެސް ހަތިޔާރު ހުރި. އެއީ ބަޣާވާތަކުން ރައްޔިތުންގެ ވެރިކަން ވައްޓާލުމަށް ޓަކައި. ރައްޔިތުންގެ ވެރިކަން ވައްޓާލިޔަ ނުދިނުމަށް ރައްޔިތުންގެ ފަރާތުން ހަތިޔާރު ނެގުމުގެ އިހްތިޔާރު އޭރު ވެސް އަޅުގަނޑަށް އޮތް. އެ ހަތިޔާރު ނެގެން ވަރަށް ސާފުކޮށް އޮތް. އަޅުގަނޑު ހަތިޔާރު ނުނެގީ ނުވަތަ ބަދަލު ނުހިފާ ދޫދިނީ އެބޭފުޅުންގެ އަނިޔާވެރިކަން ކުޑަ ކުރުމަށް ޓަކައި. އަޅުގަނޑު ހަތިޔާރު ނަގައި ހިފެއްޓި ނަމަ އެބޭފުޅުން ރަށުތެރެ އަށް އަރައި ވެސް ތަޅާގަތީސް. އެބޭފުޅުން ތިބީ ތައްޔާރަށް ހަތިޔާރު ނަގަން." ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މިހާރުގެ ރައީސުލްޖުމްހޫރީއްޔާ ހުންނެވީ ވެރިކަން ގަޑުބަޑު ކަރައްވައިގެން ކަމަށާއި އަދި އެކަމުގެ ސަބަބުން ރައްޔިތުން ބޭނުންވި ވެރިކަމުގެ ނިޒާމް މިހާރު ގެއްލިފައިވާ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ބޭނުންވި ވެރިކަމުގެ ނިޒާމަކީ ވެރިކަން ކުރާ ފަރާތް ނުވަތަ ވެރިމީހާ ނުވަތަ ވެރިކަން ރީތި ގޮތުގައި ވެރިކަން ބަދަލުވަމުން އަންނަތަން ކަމަށެވެ. އެއީ ރައްޔިތުންގެ ރުހުމާ އެކު ވެރިކަން ބަދަލުވުން ކަމަށާއި އެކަން ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ޑރ. ވަހީދު ހުންނަވަނީ ދިވެހި ރާއްޖޭގެ ވެރިކަން ގަޑުބަޑު ކުރައްވައިގެން. އެއީ ބަޣާވާތަކުން ވެރިކަން ބަދަލުކުރެއްވީމާ އަޅުގަނޑުމެން އުންމީދު ކުރަމުން އައި ވެރިކަމުގެ ނިޒާމް އަޅުގަނޑުމެންނަށް މި ވަނީ ނުލިބިފައި. އެންމެ ބޮޑަށް އަޅުގަނޑު ދުށްގޮތުގައި ދިވެހިން ދެކެން ބޭނުންވީ ރީތި ގޮތުގައި އޮމާން ގޮތުގައި ވެރިކަން ބަދަލުވާތަން ދެކެން. އެއް ވެރިއަކުން އަނެއް ވެރިއަކަށް ބަދަލުވާ އިރު ރައްޔިތުންގެ ރުހުމާއި ރައްޔިތުންގެ އެދުމާއި އެކީގައި ވެގެންދާ ކަމަކަށް ހެދުމަށް އަދި އުފެއްދުމަށް. އަދި އުފެދިގެން އަންނަނީ ރައްޔިތުންގެ ވެރިކަމަކަށްވެ ނިންމުމަށް. ރައްޔިތުންގެ ވެރިކަމެއް ރައްޔިތުން އެދޭ ގޮތަށް ގާއިމް ކުރެވޭނީ އޭގައި ރައްޔިތުންގެ ވޯޓް އެކުލެވިގެން. " ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން އެމަނިކުފާންގެ ވެރިކަމެއް އުފެއްދެވީ ރާއްޖޭގައި ދާހިލީ ހަނގުރާމައެއް ގެންނަން ނޫން ކަމަށާއި ރާއްޖެ ތަރައްގީ ކުރުމަށް ކަމަށެވެ. އަދި ރައްޔިތުންގެ ބޭނުން ވަނީ ރައްޔިތުންނަށް މިއަދު ލިބޭ މިންވަރަށް ވުރެ އިތުރު މިންވަރެއް ލިބުމަށް ކަމަށާއި އިޖުތިމާއީ އިގުތިސާދީ ގޮތުން ގައުމު ތަރައްގީ ކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން ރައްޔިތުން ބޭނުން ވަނީ ބޭސް ފަރުވާ ކުރުމަށާއި ބޯހިޔާވެހި ކަމާއި ގައުމު ތައްގީ ވެގެން ދިއުން ކަމަށެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 7 ވަނަ ދުވަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވި އިރު ވަހީދު އަތްޕުޅުގައި ހަތިޔާރު ހުރި ކަމަށް ނަޝީދު ކުރައްވާ ތުހުމަތާ ގުޅިގެން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދު ވިދާޅުވީ ރައީސް ވަހީދުގެ އަތްޕުޅުގައި އެއްވެސް އިރެއްގައި ހަތިޔާރު ނުހުންނާނެ ކަމަށާއި އަދި އެބޭފުޅާ އަކީ ހަތިޔާރު ގެއްގުޅުއްވާ އަދި ގެންގުޅުއްވާނެ ބޭފުޅެއް ވެސް ނޫން ކަމަށެވެ.
މަސްއޫދު ވިދާޅުވީ ކުރީގެ ރައީސް ނަޝީދު އެއްފަހަރު އެބޭފުޅާގެ ބޮލުގައި ބަޑި ޖެއްސި ކަމަށާއި އަނެއް ފަހަރު އެނޫން ވާހަކައެއް ނުދައްކަވައި ކުރައްވަންވީ ކަމަކީ އިތުރުފުޅު ހެއްދެވުން ހުއްޓަވާލެއްވުން ކަމަށެވެ.