ބޭރުގެ ނުފޫޒުތައް އަޅުގަނޑުމެންގެ ތެރޭގައި ވަރުގަދަވުމުގެ އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުމެންގެ ބަލިކަށިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރ. އަތޮޅުގެ ބައެއް ރަށްރަށަށް އެ މަނިކުފާނު މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި ރ. އަލިފުށްޓަށް ވަޑައިގެން، އަލިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވަހީދު ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން އުފެދޭ ކޮންމެ ފަހަރަކު އަދި ހަމަނުޖެހުން އުފެދޭ ކޮންމެ ފަހަރަކު، ބޭރުގެ ނުފޫޒުތައް އަޅުގަނޑުމެންގެ ތެރެއަށް ވަދެ، އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި އާ ސިޔާސީ މަސްރަހުގެ ތެރޭގައި އެކި ފިކުރުގެ މީހުން އެބައުޅޭކަން ފާހަގަކުރައްވަމުން އެ ހުރިހާ ފިކުރުތަކަށް ވުރެ ބޮޑު ފިކުރެއް އެބަ އޮތް ކަމުގައި ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެ ފިކުރަކީ މާތްވެގެންވާ އިސްލާމްދީނުގެ ފިކުރެވެ. އަދި ގައުމަށްޓަކައި އޮންނަ ލޯތްބެއްގެ ފިކުރެވެ.

ރައީސް ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނާއި ގައުމުގެ މަސްލަޙަތު އެހެން ހުރިހާ އެއްޗަކަށް ވުރެ އިސްކުރަން ޖެހޭ ކަމަށާއި ގައުމު ރަމްޒުކޮށްދޭ ގައުމީ ސަލާމާއި ގައުމީ ދިދަ އާއި ގައުމީ ކުލަތައް އެހެން ހުރިހާ އެއްޗަކަށް ވުރެ އިސްކުރަން ޖެހޭ ކަމަށެވެ.

މި ގައުމު ވަރުގަދަވާނީ ގައުމުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އޮވެގެން ކަމަށާއި އާއިލާތަކުގެ މެދުގައި ވެސް އަދި އެކަކު އަނެކަކާ ދޭތެރޭގައި ވެސް ހިތްބަރު ކަމެއް ނުބާއްވައި، އެކުވެރިކަން ބަދަހިކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަޅުގަނޑުމެންގެ އާއިލާތަކުގެ ތެރޭގައި ސިޔާސީ ފިކުރު މާބޮޑަށް އިސްކުރުމުގެ ސަބަބުން އެކަކު އަނެކަކާ ވާހަކަ ނުދައްކާ ހިސާބަށް ކަންކަން ގޮސްފައި އެބަހުރި ކަމަށް ވިދާޅުވެ، ސިޔާސީ ފިކުރާ ހެދި އާއިލާތައް ބައިބައި ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވި އެވެ. އަދި ރަށުގެ ތަރައްގީއަށާއި ގައުމުގެ ތަރައްގީއަށް ޓަކައި އަދި ދަރިންނަށް ޓަކައި ގުޅިގެން މަސައްކަތް ކުރުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އަލިފުށްޓަކީ ވަރަށް ހީވާގި މުރާލި ރައްޔިތަކު ދިރިއުޅޭ ރަށެއްކަން ފާހަގަކުރައްވަމުން، އަލިފުށްޓަކީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ރަށެއް ކަމަށް ވިދާޅުވި އެވެ. އަލިފުށި މިއަދު ކުރިއަށް ގޮސްފައިވާ ހިސާބަށް ގެނައުމުގައި ބޮޑު ހިތްވަރެއް ކުރައްވާފައި ވަނީ ރަށުގެ ރައްޔިތުން ކަމަށާއި ސަރުކާރުން އެހީތަކެއް ވެދެއްވަމުން ގެންދެވި ކަމުގައި ވީނަމަވެސް ސަރުކާރުން ދެއްވާ އެހީއަށްވުރެ އަލިފުށީ ރައްޔިތުން ކުރައްވާފައިވާ މަސައްކަތް މާބޮޑު ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް އެންމެ ބޮޑަށް ބޭނުންވެފައި ވަނީ، ނަރުދަމާގެ ނިޒާމްކަން ފާހަގަކުރައްވަމުން، ރާއްޖޭގައި މީގެކުރިން އެއްވެސް ފަހަރެއްގައި ނަރުދަމާގެ ނިޒާމް ޤާއިމްކޮށްފައި ނުވާހާ ގިނަ އަދަދަކަށް، ރަށްރަށުގައި މިއަހަރު ނަރުދަމާގެ ނިޒާމް ޤާއިމް ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވި އެވެ. މިގޮތުން، މި އަހަރު އަލިފުށީގައި ވެސް ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ފެއްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަލިފުށްޓަށް ކުރެއްވި ދަތުރުފުޅުގައި، އަލިފުށީގައި ހަ ކްލާސް ރޫމްގެ ބިންގާ، އެމަނިކުފާނު މިއަދު އަޅުއްވައިދެއްވި އެވެ. އަދި ރ. އަތޮޅުގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިއަދު މި ފެއްޓެވި ދަތުރުފުޅުގައި، އުނގޫފާރު ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވާނެ އެވެ. އަދި ދުވާފަރުގައި ގާއިމްކުރަ ފެނުގެ ޚިދްމަތް އިފްތިތާޙުކޮށްދެއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.