11 Apr 2013, 13:31
މި އަހަރުގެ ފުރަތަމަ ކުއާޓާގައި ދައުލަތަށް ދައްކަން ޖެހޭ ކުއްޔަށްވާ ފައިސާ ނުދައްކާ ރިސޯޓްތަކެއް ހުރި ކަމަށާއި އެ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުއަޅާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވެއްޖެ އެވެ.
އަދީބް މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ރިސޯޓްތަކެއް ހުރި ކަމަށާއި އެފަރާތްތަކާ މެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެއީ ކޮން ފަރާތްތަކެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވި އެވެ. އަދި އެއީ ކިތައް ފަރާތް ކަމެއް ވެސް ވިދާޅެއް ނުވި އެވެ.
"މި އަހަރުގެ މާޗް މަހުގެ ނިޔަލަށްވާ ފުރަތަމަ ކުއާޓާ އަށް ފައިސާ ނުދައްކާ ފަރާތްތަކެއް އެބައުޅޭ. އަޅުގަނޑު ޔަގީންކަން އަރުވަން އެ ފަރާތްތަކާ މެދު އަޅުގަނޑުމެން ހަރުކަށި ފިޔަވަޅު އަޅައި ގާނޫނު ތަންފީޒް ކުރާނެ ކަމުގެ،" ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުލި ނުދައްކާ ފަރާތްތަކުގެ ނަންތައް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށާއި އާންމުކުރާނީ މީރާއާ އެކު މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ކުލި ނުދެއްކުމުގެ ސަގާފަތެއް ވަރަށް ބޮޑަށް އަށަގަނެފައިވާ ކަމަށާއި ނަމަވެސް ދެން ކުލި ނުދައްކާ ފަރާތްތަކަށް އެ ފުރުސަތު ނުދޭނެ ކަމަށެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާގައި ކުލި ނުދައްކާ ފަރާތްތަކެއް އުޅޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވެފައިވާ އިރު މިދިޔަ އަހަރު ތެރޭގައި ވެސް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅުއެޅުމަށް މަސައްކަތްކޮށްފަ އެވެ. އެގޮތުން ދެ ފަރާތެއްގެ ރިސޯތްތަކުގެ އެއްބަސްވުން އުވާލުމަށް ނޯޓިސް ފޮނުވި އެވެ. އެގޮތުން މިނިސްޓްރީން ނޯޓިސް ފޮނުވި ރިސޯޓްތަކަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުންޏެއް ކަމަށްވާ ޔޮޓް ޓުއާސް އިން ހިންގާ އަލިދޫ ރިސޯޓާއި ކުޑަރަށް ރިސޯޓުގެ އިތުރުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާގެ އާއިލާ އިން ހިންގާ ރިސޯޓެއް ކަމަށްވާ ފިލިތެޔޮ ރިސޯޓާއި މެދުފުށި އަދި ޒިތާލީގެ ރިސޯޓެވެ. އެ ދެ ކުންފުނީގެ ރިސޯޓްތަކަށް ވެސް އަނބުރާ ރިސޯޓް ހިންގުމުގެ ހުއްދަ ދިނީ ކުއްޔާއި ޖޫރިމަނާއަށްވާ ފައިސާ ދެއްކުމަށް އެއްބަސްވުންނެވެ.