11 Apr 2013, 13:06
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެ ގާނޫނާއި ތައާރުޒްވާ މާއްދާތައް އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ނުވާތީ ބަންޑާރައިނައިބުގެ މައްޗަށް މާލޭ ސިޓީ ކައުންސިލުން ސިވިލް ކޯޓުގައި ދައުވާ ކޮށްފި އެވެ.
ސަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 153 ވަނަ މާއްދާ ބުނާ ގޮތުން އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި އެ ގާނޫނާ ތަޢާރުޒްވާ އެހެން ގާނޫނުތައް އިސްލާހު ކުރުމަށް ޓަކައި ބަންޑާރައިނައިބް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ބަންޑާރަނައިބު އެކަން ކޮށްފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ބަންޑާރަނައިބުގެ މައްޗަށް ދައުވާ މިކުރަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަންޑާރަނައިބުގެ ކުރުމަށް އަންގަވާފައިވާ ކަންތައް ނުކުރާތީ. އެ ގާނޫނުގެ 153 ވަނަ މާއްދާ އާއި އެބަ ބުނޭ އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި އެ ގާނޫނާއި ތަޢާރުޒްވާ އެހެން ގާނޫނުތައް އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަސް ހުށަހަޅަން ވާނެ ކަމަށް އެހެން ނަމަވެސް މިއަދާ ހަމަ އަށް ބަންޑާރަނައިބު އެކަން ކޮށްފައި ނުވޭ." ޝުޖާއު ވިދާޅުވި އެވެ.
ރާއްޖޭގެ އިދާރީ ދާއިރާ ތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 153 ވަނަ މާއްދާގައި ބުނަނީ ދިވެހި ރާއްޖޭގައި އަމަލު ކުރަމުންދާ ގާނޫނުތަކުގެ ތެރެއިން ލާމަރުކަޒީ ގާނޫނާއި އެ ގާނޫނުގެ މަގުސަދުތަކާ ތަޢާރުޒުވާ ގާނޫނުތައް ފާހަގަކޮށް އެ ގާނޫނަށް ޢަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެފަދަ ގާނޫނުތަކަށް އިސްލާހުތައް ގެނައުމަށް ޓަކައި ދައުލަތުގެ ބަންޑާރަނައިބު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށެވެ.
ޝުޖާއު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ޓަކައި އެ ގާނޫނާ ތަޢާރުޒްވާ އެހެން ގާނޫނުތައް އިސްލާހުނުކޮށް ހުރުމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި އެފަދަ ގާނޫނުތައް އިސްލާހު ނުކޮށް އެ ގާނޫނާއި ތަޢާރުޒްވާ ގޮތަށް ބަންޑާރަނައިބު ލަފާ ދެއްވަމުން ގެންދިއުމަކީ ވެސް ކައުސިލްތައް ހިންގުމަށް ދިމާވެފައިވާ އެއް މައްސަލަ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލްގެ ފަރާތުން ބަންޑާރަނައިބުގެ މައްޗަށް ކުރާ ދައުވާގައި އެދިފައި ވާނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގޫނާ ތަޢާރުޒްވާ ގާނޫނުތައް އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހަށަނާޅައި އެ ގާނޫނާ ތަޢާރުޒްވާ ގޮތަށް އަދި ކައުންސިލްތަކުގެ މަސައްކަތްތަކަށް ބުރުއަރާ ގޮތަށް ބަންޑާރަނައިބު ދެއްވާފައިވާ ގާނޫނީ ލަފާތައް އެއީ ބާތިލް ލަފާތަކެއް ކަމަށް ކަޑައަޅައި ދިނުމަށް ކަމަށެވެ. އަދި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ތައާރުޒްވާ ގޮތަށް ނުވަތަ ކައުންސިލްތަކުގެ މަސައްކަތްތަކަށް ހުރަސް އެޅޭ ފަދަ ގޮތަކަށް ގާނޫނީ ލަފާ ނުދިނުމަށް ބަންޑާރަނައިބުގެ މައްޗަށް އަމުރު ކުރުމަށް އެދިފައި ވާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލްން ބަންޑާރަނައިބުގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތުގެ ފުރަތަމަ އަޑުއެހުން އޮންނާނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި އެކަން ސިވިލް ކޯޓުން ވެސް ވަނީ ސަން އޮންލައިން އަށް ކަށަވަރު ކޮށްދީފަ އެވެ.