11 Apr 2013, 12:56
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީޒްގައި ވާދަކުރެއްވި އުމަރު ނަސީރު އެ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ޖަލްސާއެއް ބާއްވައި، އެ ޖަލްސާގައި ހަގީގަތާ ޚިލާފް ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ ޕަބްލިކްގައި މާފަށް އެދުމަށް އުމަރު ނަސީރަށް އެ ޕާޓީން ދިން ފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި އެވެ.
ޕީޕީއެމްގެ ސުލޫކީ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލް އަބޫބަކުރު މިއަދު ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދުގެ 41 ވަނަ މާއްދާގެ (ށ)ގެ ދަށުން އުމަރު ނަސީރުގެ މައްސަލާގައި އޭނާގެ ފަރާތުން ކަނޑައަޅާ ދެ މަންދޫބަކު ކަނޑައެޅުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އެހެން ކަމުން އުމަރުގެ ފަރާތުން ދެ މަންދޫބަކަށް ކޮމިޓީ އަށް ޖަވާބު ދާރީ ވުމުގެ ފުރުސަތު އަންނަ ހޮނިހިރުގެ ނިޔަލަށް ފުރުސަތު ދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ މައްސަލާގައި ޕާޓީގެ އަސާސީ ގަވާއިދާއި ސުލޫކީ ފިޔަވަޅު އެޅުމުގެ ގަވާއިދާ އެއްގޮތަށް ކަންތައްތައް ދާނެ، އަޅުގަނޑުމެން ވަކި މީހަކަށް ބަލާފައެއް ނޫން އެކަންތައް ކުރިއަށް ގެންދާނީ، ގަވާއިދާ އެއްގޮތަށް، ދެން އެ ދެ ބޭފުޅުން ކޮމިޓީ އަށް ހާޒިރުވެވަޑައި ނުގެންނެވި ނަމަވެސް އަޅުގަނޑުމެން އާދީއްތަ ދުވަހު އެކަމާ މެދު ގޮތެއް ނިންމުމަށް މަސައްކަތް އަނެއްކާ ވެސް ފަށާނަން،" ޖަމާލު ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީޒްގެ ވޯޓަށް ފަހު އުމަރު ނަސީރު ބޭއްވެވި އެ ޖަލްސާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އުމަރަށް މައާފަށް އެދުމަށް އެ ޕާޓީން ދިން ފުރުސަތު މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އަދި އެ މައްސަލާގައި އުމަރާ މެދު އަޅާނެ ފިޔަވަޅަކާ މެދު ދެ ދުވަހެއްގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.
މައާފަށް އެދުމަށް ޕީޕީއެމުން އުމަރަށް އެންގުމުން އުމަރު ވިދާޅުވެފައި ވަނީ އެ ޖަލްސާގައި ދެއްކެވި އެއްވެސް ވާހަކައެއްގެ ސަބަބުން އޭނާ މާއާފަށް އެދެން ޖެހޭ ކަމަށް ދެކިވަޑައިނުގެންނަވާ ކަމަށެވެ.