11 Apr 2013, 12:46
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މަނީ އެކްސް ޕްރެސް ހެކްކޮށްގެން 388000 އަށް ވުރެ ގިނަ ރުފިޔާ ރާއްޖޭން ބޭރުކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މިމަހުގެ އަށް ވަނަ ދުވަހު މަނީ އެކްސްޕްރެސް ހެކްކޮށްގެން ރާއްޖޭން ބޭރަށް ގިނަ އަދަދެއްގެ ފައިސާ ބޭރުކުރި މައްސަލަ ބަލަމުން އަންނައިރު، މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަނީ މަނީ ގްރާމް ފްރޯޑްގެ މައްސަލައެއް ވެސް ފުލުހުންނަށް ހުށަހަޅާފަ އެވެ. ފުރޯޑްގެ އެ މައްސަލާގައި ހެކުކޮށްގެން 4.9 މިލިއަން ރުފިޔާ ރާއްޖެ އިން ބޭރުގެ ގައުމަކަށް ވަނީ ބަދަލުކޮށްފަ އެވެ.
ނަމަވެސް އެ ދެމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ހަސަން ހަނީފް ވިދާޅުވީ އެ ދެ މައްސަލައިގައި ވެސް ފުލުހުންނަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. މަނީއެކްސްޕްރެސް ހެކްކުރި މައްސަލައާ ގުޅިގެން ޕޯސްޓް ލިމިޓެޑުގެ ބަހެއް ވަނީ ލިބޭ ގޮތްނުވެފަ އެވެ.
މަނީ ގްރާމްގެ ފްރޯޑްގެ މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ދެމުން އައި މަނީގުރާމްގެ ހިދުމަތް ވަނީ މެދުކަނޑާލާފަ އެވެ. އަދި އެހިދުމަތް ފެށޭނީ މައްސަލަ ތަހުގީގުކޮށް ދެވަނަ ފަހަރަށް އެފަދަ މައްސަލައެއް ދިމާނުވާނެކަން ޔަގީންކުރެވުމުން ކަމަށް މޯލްޑިވްސް ޕޯސްޓުން ވަނީ ބުނެފަ އެވެ.