ސަރުކާރުން ހިންގާ ކަމެއް ލަސްކޮށްލުމަށް ނުވަތަ ހުއްޓާލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ސަރުކާރުގެ އެއްވެސް އިދާރާއަކަށް އަންގައިފިނަމަ، އެކޮމިޝަނުން އެންގި ގޮތަކަށް ވަގުތުން ޢަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން އެދިވަޑައިގެންފި އެވެ.


ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައްލަވަމުން ގެންދަވާ އެކި މައްސަލަތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލެއްވުން ދެއްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، އެކަމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރުންގެ ބެއްލެވުމުގެ ދަށުން ހިނގަމުންދާ ސަރުކާރުގެ ހުރިހާ އިދާރާތަކެއްގެ އިސްވެރިންނަށް މިކަން އަންގަވައިދެއްވުމަށާއި، މިކަންކަމުގައި އެކޮމިޝަނަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި އެވެ.


މިއަދުގެ ޖަލްސާގައި، އެއާޕޯޓް އިންވެސްޓްމަންޓްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އެއިމް)އާ ޙަވާލުކުރެވިފައިވާ ފަސް ޑޮމެސްޓިކް އެއާޕޯޓް ތަރައްޤީ ކުރުމަށްޓަކައި އިންވެސްޓް ކުރުމަށް ބޭނުންވާ އިކުއިޓީ ހޯދުމަށް ޓޫރިސްޓް ރިޒޯޓްގެ ގޮތުގައި ރަށްތައް ކުއްޔަށް ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވި އެވެ.


މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، ރިޒޯޓްގެ ގޮތުގައި ތަރައްޤީ ކުރުމަށް ކަނޑައަޅުއްވާފައިވާ ފަސް ރަށް، ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އެއަރޕޯޓް ތަރައްޤީ ކުރަން އެދޭ ފަރާތްތަކަށް ޖޮއިންޓް ވެންޗަރ އުޞޫލުން ތަރައްޤީ ކުރުމަށް ހުޅުއްވާލެއްވުމަށްވެސް ނިންމެވި އެވެ.


ފަތުރުވެރިކަން ތަރައްޤީ ކުރުމަށް އަދި ޞިނާޢީ އެހެނިހެން މަސައްކަތްތައް ތަރައްޤީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިމާއި ފަޅުފަދަ ތަންތަން ބަދަލުކުރުމުގައި ގެންގުޅޭނެ އުޞޫލެއް ކަނޑައެޅުއްވުމާ ބެހޭގޮތުންވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވި އެވެ.


މިއަދުގެ ޖަލްސާގައި މަޖިލީހުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މިހާރު ކުއްޔަށް ދޫކުރައްވާފައިވާ ރިޒޯޓްތަކާއި ހޮޓާތައް ތަރައްޤީކޮށް ނިންމުމަށްޓަކައި ސަރުކާރުން ކޮށްދެއްވެން އޮތް ކަމެއް މިވަގުތު ކޮށްދެއްވުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވި އެވެ. އަދި ރިޒޯޓް ހޮޓާ ތަރައްޤީ ކުރުމަށް މިހާރު ހަމަޖެހިފައިވާ ސަރަޙައްދުތަކުގައި، އެކަންކަން ހިންގުމަށް ދަތިވާނަމަ، ޤާނޫނާއި ގަވާއިދު ހުއްދަކުރާ ގޮތެއްގެ މަތިން ބަދަލުގައި ސަރުކާރުން އެކަށީގެންވާ ސަރަޙައްދެއް ދޫކުރެއްވުމަކީ، އެ މަޝްރޫޢެއް ކުރިއަށް ގެންދިޔުމަށް އިންވެސްޓްކުރާ ފަރާތަށް ލިބޭނެ ވަރަށްބޮޑު މަންފާއެއް ކަމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވަ އެވެ. އެހެންކަމުން، ރިޒޯޓުތަކާއި ހޮޓާތައް ތަރައްޤީ ކުރުމަށް މިހާރު ކުއްޔަށް ދީފައިވާ ފަރާތްތަކުން އެހެން ސަރަޙައްދެއް ބޭނުންވެގެން އެދޭ ކަމަށްވާނަމަ، އެކަމަށް އުޞޫލުތަކެއް ކަނޑައަޅުއްވައި، އެޓަރނީޖެނެރަލްގެ ލަފާފުޅާއެކު، އެ އުޞޫލު ގެޒެޓް ކުރައްވައި ޢާންމު ކުރެއްވުމަށް މިއަދުގެ ޖަލްސާއިން ނިންމެވި އެވެ.