މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓުރީއިން ދީފައިވާ އަށް ކުންފުނީގެ ތެރެއިން ގިނަ ކުންފުނިތަކުގެ ޖާގަ ފުލްވެއްޖެ އެވެ.

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދިން އަށް ކުންފުނީގެ ތެރެއިން ފަސް ކުންފުނިން ބުނީ މިހާރު ކޮންމެ ޖަމާއަތަކަށް ލިބިފައިވާ 109 މީހުންގެ ކޯޓާ އެދި މީހުން ނަންނޯޓް ކުރުމުން ޖާގަތައް ފުލް ވެފައިވާ ކަމަށެވެ. އެގޮތުން ޖާގަތަށް ހުސްވެފައިވާ ކަމަށް ބުނީ މިނާ ހައްޖު އުމުރާ ޕުރައިވެޓް ލިމިޓެޑް އާއި ޔޫއެސް އިންވެސްޓްމެންޓް ޕުރައިވެޓް ލިމިޓެޑް ގެ އިތުރުން ސިސިލްފަރު ހައްޖު އެންޑް އުމުރާ ގުރޫޕް ޕުރައިވެޓް ލިމިޓެޑް އާއި އަތަމާ ހައްޖު ގުރޫޕު ޕުރައިވެޓް ލިމިޓެޑާއި ޒައީ ގުރޫޕް ޕުރައިވެޓް ލިމިޓެޑެވެ.

ސަން އޮންލައިނަށް ދެއްވި އިންޓަވިއޫއެއްގައި ސިސިލްފަރު ހައްޖު އެންޑް އުމުރާ ގުރޫޕުގެ މެނޭޖިން ޑިރެކްޓާ ހުސައިން ސިމާދް ވިދާޅުވީ އިސްލާމިކް މިނިސްޓްރީއިން އެ ޖަމާއަތަށް މީހުން ހައްޖަށް ގެންދިއުމުގެ ހުއްދި ދިނުމާއެކު މީހުން ނަންނޯޓްކޮށް ޖާގަތައް ފުލް ވެފައިވާ ކަމަށާއި މުޅިއެކު 109 ކޯޓާއަށް އެދި 300 ވަރަކަށް މީހުން ނަންނޯޓް ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެނަށް ކޯޓާ ލިބުނު ކަމުގެ ހުއްދަ ލިބުނު ތަނާހެން ގިނަ ބަޔަކު އައިސް ނަންނޯޓްކޮށް މިހާރު ވަނީ ފުލް ވެފައި" ސިމާދު ވިދާޅުވިއެވެ.

އެ ފަސް ކުންފުނިން ލިބިފައިވާ ޖާގަތަށް ފުލް ވެފައިވާ ކަމަށް އެ ފަރާތްތަކުން ބުނެފައި ވީނަމަވެސް ހުއްދަދީފައިވާ އަނެއް ތިން ކުންފުނި ކަމަށްވާ ހަމަލަތުލް އިހްލާސުލް ލިލް ހައްޖު ވަލްއުމުރާ ޕުރައިވެޓް ލިމިޓެޑް އާއި އެކްރޯ ޕުރައިވެޓް ލިމިޓެޑްގެ އިތުރުން އަލް ބަޓްރޮސް އިންޓަނޭޝަނަލް ޕުރައިވެޓް ލިމިޓެޑް އާއި ގުޅޭގޮތް ނުވުމުން ޖަމާއަތްތަކުގެ މައުލޫމާތް ވަނީ ލިބޭ ގޮތް ނުވެ އެވެ.

މިފަހަރު ހައްޖަށް ގެންދިއުމަށްޓަކައި ކޮންމެ ޖަމާއަތަކުން ވެސް މީހެއްގެ އަތުން ނެގޭނީ 67000ރ. އެވެ. އޭގެ އިތުރުން ފައިސާއެއް ނަގާ ނަމަ ނަގަން ވާނީ ހައްޖަށް ދިއުމަށްދޭ ހިދުމަތުގެ އިތުރު ހިދުމަތަކަށް އެފަރާތަކުން އެދޭ ނަމަ ކަމަށް އިސްލާމިކް މިނިސްޓްރީ ބުންޏެވެ.

ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ޓަކައި މިފަހަރު ރާއްޖެ އަށް ސައުދީ އަރަބިއްޔާ އިން ދީފައިވާ 1000 މީހުންގެ ކޯޓާގެ ތެރެއިން 874 ކޯޓާ އަށް ގްރޫޕަށް ހަމަހަމަކޮށް ދީފައިވާ އިރު އަނެއް 126 ކޯޓާ ހާއްސަކޮށްފައި ވަނީ މިދިޔަ އަހަރު ޖަމާއަތަކަށް ފައިސާ ދައްކައިގެން ހައްޖަށް ނުދެވިފައިވާ މީހުންނަށެވެ. އަދި އެ ކޯޓާގެ މައްސަލަ އަންނަ ހަފްތާގެ ތެރޭގައި ނިންމާނެ ކަމަށް އިސްލާމިކް މިނިސްޓުރީ ބުންޏެވެ. މިދިޔަ އަހަރު ހައްޖަށް މީހުން ގެންދިއުމަށް ފައިސާ ނަގައި މީހުން ހައްޖަށް ނުފޮނުވާ ޖަމާއަތަކީ މަލީޝާ ހައްޖު ޖަމާއަތެވެ. އެ ޖަމާއަތުން 175 މީހެއްގެ އަތުން 11.9 މިލިއަން ރުފިޔާ ނަގާފައިވެ އެވެ.