ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަންގެ ބަދަލުގައި އެ ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 21ގެ ނިޔަލަށް ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ނަން ހުށަހެޅުއްވޭނެ ކަމަށެވެ. ކުރިމަތިލައްވާ ބޭފުޅުންގެ ޝަރުތުތަކަކީ އުމުރުން 30 އަހަރުވެފައި ވުމާއި ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލް ކުރުމަށްފަހު ސަރުކާރާއި ސަރުކާރު ނޫން ފަރާތެއްގައި ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު ހިދުމަތްކޮށްފައިވުމެވެ. އަދި އިސްލާމް ދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއްކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ޖިނާއީ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައި މީހަކު ކަމުގައި ނުވުމެވެ.

ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ނަންތައް ދިރާސާކޮށް އެ ބޭފުޅުން ތަޖުރިބާ ވަޒަން ކުރާނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީންނެވެ. އަދި އެ ބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށްފަހު 75 ޕަސެންޓް މަތިން މާކްސް ލިބިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ އެވެ. މާކްސް ލިބިވަޑައިގެންނެވި ތަރުތީބުން އެ ބޭފުޅުންގެ ނަންތައް މަޖިލީހަށް އިއްވުމަށް ފަހު މަޖިލީހުގެ އަގުލަބިއްޔަތުން ފާސްވާ ބޭފުޅަކު ސީއެސްސީގެ މެންބަރުކަމަށް އައްޔަން ކުރާނެ އެވެ.

ސީއެސްސީގެ މެންބަރު ފަހުމީގެ މައްޗަށް ޖިންސީ ކުށުގެއްގެ މައްސަލައެއް ކޮމެޓީން ތަހުގީގު ކުރުމުން އޭނާގެ މައްޗަށް އެކަން ސާބިތުވި ކަމަށް ކޮމެޓީން ނިންމައިފައިވާތީ، އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހުން ވަނީ ފާސް ކޮށްފަ އެވެ. ނަމަވެސް މަޖިލީހުގެ އެ ނިންމުން ސްޕްރީމް ކޯޓުން ބާތިލް ކުރުމުން ފަހުމީ އަނެއްކާ ވެސް ވަނީ އެ މަގާމަށް ނުކުންނަވާފަ އެވެ. ނަމަވެސް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ބުނެފައި ވަނީ ފަހުމީއަށް އަލުން އެ މަގާމަށް އާދެވޭނެ ކަމަށް ސްޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައި ނުވާ ކަމަށާއި އެހެންކަމުން އެ މަގާމަށް އެހެންބޭފުޅަކު އައްޔަން ކުރާންޖެހޭނެ ކަމަށެވެ.