މޯލްޑިވްސް ބޯޑީ ބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ރައީސްގެ މަގާމަށް ޢަބްދުﷲ ޢަރީފް އަދި ނާއިބު ރައީސްގެ މަގާމަށް މުޙައްމަދު ޚުޝްރުވާން އަޙްމަދު ހޮވައިފިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ބޮޑީ ބޯޑިން އެސޯސިއޭޝަންގެ ރައީސް ކަމަށް އަރީފު އަދި ނާއިބު ރައީސް ކަމަށް ހުޝްރުވާން ހޮވާފައިވަނީ، ރޭ އެ އެސޯސިއޭޝަންގެ މައި އޮފީހުގައި ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އެކުލަވައިލުމަށް ބޭއްވި އިންތިހާބުގައި އެ ދެމަގާމަށްވެސް އިތުރު ފަރާތަކުން ކުރިމަތި ލާފައި ނުވާތީ ނެގި "ފެންނަ ނުފެންނަ ވޯޓު"ގައި ބައިވެރިވި މެންބަރުންގެ 100 އިންސައްތަ ވޯޓު ހޯދައިގެންނެވެ.

ރައީސާއި ނާއިބު ރައީސްގެ އިތުރުން އެމްބީބީއޭއަށް ރޭ އިންތިހާބު ކުރެވުނީ ހަޒާންދާރަކާއި ސެކްރެޓަރީ އެކެވެ. އެގޮތުން އެ ދެމަގާމަށްވެސް ކުރިމަތި ލާފައިވަނީ ކޮންމެ މަގާމަކަށް އެންމެ މެންބަރަކު ކަމަށްވާތީ ނެގި "ފެންނަ ނުފެންނަ ވޯޓު"ގައި ބައިވެރިވި 22 މެންބަރުންގެ ތެރެއިން 21 މެންބަރުން ފެންނަ ކަމަށް ވޯޓުދީގެން ހަޒާންދާރަކަށް ހޮވާފައިވަނީ އަޙްސަން ޝަހީމް އެވެ. އަދި އެސޯސިއޭޝަންގެ ސެކްރެޓަރީގެ މަގާމަށް ހޮވާފައިވަނީ އަޙްމަދު ފައިސަލް އެވެ.

މަގާމުތަކަށް މެންބަރުން އައްޔަން ކުރުމަށްފަހު ސަންއަށް ދެއްވި ބަސްދީގަތުމެއްގައި އެމްބީބީއޭގެ ބާނީ ޢަލީ ޚުސްރުވާން އަޙްމަދު ވިދާޅުވީ، މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަން އުފެއްދުމަށް މަސައްކަތް ކުރައްވާތާ ވަރަށް ދުވަސް ވެސްޖެ ކަމަށެވެ.

ކުރިން މޯލްޑިވްސް ސާފިން އެސޯސިއޭޝަންގައިވެސް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ޢަލީ ޚުސްރުވާން ވިދާޅުވީ އެމްބީބީއޭ އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ބޮޑީ ބޯޑިންގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެ ކުޅިވަރުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ތަނަވަސްކޮށޮ ދިނުމާއި އަދި އެކުޅިވަރު އަލަށް ދަސްކުރަން ބޭނުންވާ ފަރާތް ތަކަށް އެކުޅިވަރު ދަސްކޮށްދީ ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖޭގެ ބޮޑީ ބޯޑަރުންނަށް ކާމިޔާބު ތަކެއް ހާސިލްކޮށް ދިނުން ކަމަށެވެ. އަދި އަލަށް އެސޯސިއޭޝަނެއް އެކުލަވައިލީ ކަމުގައި ވީނަމަވެސް އެމްބީބީއޭއިން ރާވައި ހިންގާ ހަރަކާތްތައް ބޮޑަށް ކުރިއަށް ގެންދާނީ މޯލްޑިވްސް ސާފް އެސޯސިއޭޝަނާވެސް ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްބީބީއޭގެ ރައީސް ޢަބްދުﷲ ޢަރީފް ވިދާޅުވީ އެ އެސޯސިއޭޝަންގެ ފަރާތުން ކުރިއަށް އޮތްތާނގައި ގިނަ ހަރަކާތްތަކެއް ރާވައި ހިންގާނޭ ކަމަށާއި، އަދި އެ އެސޯސިއޭޝަންގެ އިސްނެގުމާއެކު ރާއްޖޭގައި އަހަރަކު މަދުވެގެން އެއްފަހަރު ބައިނަލްއަގްވާމީ ފެންވަރުގެ ބޮޑީ ބޯޑިން މުބާރާތެއް ބޭއްވުމުގެ މަސައްކަތް ކުރަށްވާނޭ ކަމަށެވެ.

އަދި އޭނާ ވިދާޅުވީ، އެމްބީބީއޭއިން މޫދުގެ މިކުޅިވަރު ކުރިއަށް ގެންދާނީ ހަމަ އެކަނި މާލޭގައި ނޫންކަމަށާއި މުސްތަގުބަލުގައި އަތޮޅު ތެރޭގައިވެސް މި ކުޅިވަރު އާލާކުރުމަށް މަސައްކަތް ކުރަށްވާނޭ ކަމަށާއި އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ރާޅާއެޅުމަށް ބޭނުންވާ ބޯޑުފަދަ ވަސީލަތްތައް ހޯދައިދިނުމުގެއިވެސް އެމްބީބީއޭއިން އެހީތެރިވެދޭނޭ ކަމަށެވެ.