11 Apr 2013, 10:11
ގދ. މަޑަވެއްޔަށް މަސްތުވާތަކެތި ގެންދަން އުޅުނު ބިދޭސީ އަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ނޮޒިރު އަހްމަދުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ކުރި ހުކުމްގައި ބުނަނީ މަޑަވެއްޔަށް މަސްތުވާތަކެތި ގެންދާކަމުގެ މައުލޫމާތު ލިބިގެން 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ވަގުތެއްގައި "ޖަޒީރާ" ބޯޓު އެއަތޮޅު ތިނަދޫ އަށް ބަނދަރު ކުރުމުން ފުލުހުން ގޮސް އެ ބޯޓު ޗެކްކުރި އިރު ނޮޒިރުގެ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
އެ ހުކުމްގައި ބުނަނީ އެ ބޯޓުގެ ވީލްހައުސްގެ ތެރެއިން ނަގައި ނޮޒިރު ފުލުހުންނަށް ދެއްކި ސިނގިރެޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށް އޭނާ އަމިއްލައަށް އިއުތިރާފުވެފައިވާ ކަމަށެވެ.
އެ ސިނގިރެޓް ފޮށީގައި ހުރި މަސްތުވާތަކެތި ތަހުލީލު ކުރިއިރު 15.52 ގްރާމްގެ ޓެޓްރާ ހައިޑްރޯ ކެނަބިނޯލް އާއި 7.72 ގްރާމް ކެނަބިނޯލް ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ އިރު އެ ސިނގިރެޓް ފޮށި އެ ބޯޓަށް ގެންދިޔަ މީހަކު އޭނާ އަށް ސާބިތުކޮށްދެވިފައި ނުވާތީ އެ ކުށުގެ ޒިންމާ އޭނާ އުފުލަން ޖެހޭނެ ކަމަށެވެ.
"...މިތަކެތި ބަލައި އައުމުން އެ ސިނގިރެޓްފޮށި ދެއްކުމަށް އެ ސިނގިރެޓް ފޮށި ޖަޒީރާ ބޯޓަށް ގެނައި މީހުން ބުނި ކަމަށާއި، އަދި އެކަމަށް އެއްބަސްވީ އެމީހުން ބިރުދެއްކުމުން ކަމަށް ނޮޒިރު އަހްމަދު ބުނި ނަމަވެސް، މި ސިނގިރެޓްފޮށި ޖަޒީރާ ބޯޓަށް ގެނައި މީހުން ނޮޒިރު އަހްމަދަށް ޝަރީއަތަށް ދެއްކިފައި ނުވާތީ އާއި އަދި ނޮޒިރު އަހްމަދަށް ބިރުދެއްކި ކަމަށް ބުނާބުނުން ނޮޒިރު އަހްމަދަށް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާތީ އާއި މިފެނުނު ތަކެތީގެ އަތުގެ ވެރިޔަކީ ނޮޒިރު އަހްމަދު ކަމަށް ވެފައި މިތަކެތި ނޮޒިރު އަހްމަދުގެ ހިޔާޒތުގެ ދަށަށް ދިޔަގޮތް ނޮޒިރު އަހްމަދަށް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާތީ މަސްތުވާތަކެއްޗާ ބެހޭ (ކުރީގެ ގާނޫނު) ގާނޫނުގެ ދެވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުން ނޮޒިރު އަހްމަދު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ އުގޫބާތެއްގެ ގޮތުން ބުނެވިދިޔަ މާއްދާގެ (ރ)ގެ ދަށުން ބަނގުލަދޭޝްގެ ރައްޔިތެއްކަމަށްވާ ނޮޒިރު އަހްމަދު އުމަރަށް ޖަލަށްލުމަށް ހުކުމްކޮށްފީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވެ އެވެ.