11 Apr 2013, 10:05
އާޓިފިޝަލް ބީޗް ސަރަހައްދުގައި މިހާރު ހަރަކާތްތައް ހިންގަމުން ގެންދަނީ ހައުސިން މިނިސްޓްރީގެ ހުއްދަ ނުނަގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއީޒް ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ހައުސިން މިނިސްޓަރު މުއީޒް ވިދާޅުވީ މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން އާޓިފިޝަލް ބީޗް ސަރަހައްދުގައި ހިންގަމުން ގެންދާ ހަރަކާތްތަކަކީ އެ މިނިސްޓްރީގެ ހުއްދަ ނުނުގައި ހިންގަމުން ގެންދާ ހަރަކާތްތަކެއް ކަމަށެވެ.
"އާޓިފިޝަލް ބީޗް ސަރަހައްދުގައި މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން އެ ހިންގަމުން ގެންދާ ހަރަކާތްތަކަކީ އަޅުގަނޑުމެން ހައުސިން މިނިސްޓްރީން ނަގަން ޖެހޭ ހުއްދަތައް ނުނަގައި ހިންގަމުން ގެންދާ ހަރަކާތްތަކެއް. އަޅުގަނޑުމެންގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން އެއްވެސް ފަރާތަކުން އެތަނުގައި ހަރަކާތްތަކެއް ހިންގުމަށް ހުއްދަ ނަގާފައެއް ނުވޭ." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު މުއީޒް ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި އާޓިފިޝަލް ބީޗް ސަރަހައްދު ވާނީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ. އަދި އެތަން ހައުސިން މިނިސްޓްރީގެ ބެލުމުގެ ދެށަށް ގެންދިޔައީ ކެބިނެޓުން ނިންމައިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މުއީޒް އިތުރަށް ވިދާޅުވީ އާޓިފިޝަލް ބީޗް ސަރަހައްދުގައި އެއްވެސް ފަރާތަކުން ހަރަކާތްތަކެއް ހިންގަން ބޭނުންވާ ނަމަ އެކަން ކުރަން ޖެހޭނީ އެ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށާއި އަދި އެ މިނިސްޓްރީ ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ ހުއްދައިގެ ދަށުން އެތަނުގައި އެއްވެސް ހަރަކާތެއް ނުހިންގާ ކަމަށެވެ.
އާޓިފިޝަލް ބީޗް ސަރަހައްދުގައި މިހާރު ތަފާތު އެކި ހަރަކާތްތައް ހިންގަމުން ގެންދަނީ ގައުމީ ހަރަކާތުންނެވެ. އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވަމުން ގެންދަވަނީ މިނިސްޓަރު މުއީޒް ނިސްބަތްވާ އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ އެވެ.