11 Apr 2013, 09:55
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ރޭ ބާސެލޯނާގެ ކޭމްޕް-ނޫގައި ޕެރިސް ސެއިންޓަ ޖާމައިން (ޕީއެސްޖީ) އާ ދެކޮޅަށް އެޓީމު ކުޅުނު ފޯރިގަދަ މެޗު، އެކެއް އެކަކުން ދެޓީމު އެއްވަރުވެ "އަވޭ ގޯލްސް ރޫލް"އިން ބާސާ ސެމީފައިނަލަށް ގޮސްފިއެވެ.
މި ދެކުލަބު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ޕެރިހުގައި ކުޅުނު މެޗު ވަނީ ދޭއް ދޭކުން އެއްވަރު ވެފައެވެ. އެހެން ކަމުން ރޭގެ މެޗު ފެށިއިރުވެސް ފައިދާ ބޮޑުކޮށް އޮތީ ބާސާއަށެވެ. ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާއިރު މެޗުގެ 50 ވަނަ މިނިޓުގައި ނަތީޖާ ޕީއެސްޖީގެ ކޮޅަށް އަނބުރައިލީ ހަވިއާ ޕަސްޓޯރޭ ކާމިޔާބު ކޮށްދިން ރީތި ލަނޑުންނެވެ. އެހެން ނަމަވެސް ބާސާއިން ވަނީ 62 ވަނަ މިނިޓުގައި ފަބްރިގާސްގެ ބަދަލުގައި މެސީ ދަނޑަށް ނެރެ، މެޗުގެ އޮއިވަރު ބާސާގެ ކޮޅަށް އަނބުރާލާފައެވެ. އަދި އޭގެ ނަތީޖާއަކަށްވީ މެސީގެ ބައިވެރިވުމާއެކު ޑޭވިޑް ވިޔާ ތަނަވަސް ކޮށްދިން ފުރުސަތަކުން މެޗުގެ 71 ވަނަ މިނިޓުގައި ރޮޑްރިގޭޒް ޕެޑްރޯ ލަޑެއް ކާމިޔާބުކޮށް ބާސާއިން މެޗުގެ ނަތީޖާ ހަމަހަމަވުމެވެ.
މެޗުގެ 83 ވަނަ މިނިޓުގައި ކާލޯ އެންޗެލޮޓޯ ވަނީ މާކޯ ވެރާޓީގެ ބަދަލުގައި ކުރީގެ އިންގްލެންޑް ކެޕްޓަން ޑޭވިޑް ބެކަމް ކުޅެން ނެރެފައެވެ. އެހެން ނަމަވެސް ބެކަމްއަށް އެހާރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ވަރުގަދަ އަށް ޑިފެއްންސް ކުރަމުން އައި ޕީއެސްޖީގެ ކޮޅަށް އިތުރު ލަނޑެއް ކާމިޔާބު ކުރާނޭ ފުރުސަތު ބާސާއިން ހޯދިނަމަވެސް މެޗު ނިމުނީ އެކެއް އެކަކުން ދެޓީމު އެއްވަރު ވެގެންނެވެ. އަދި އެ ނަތީޖާއާއެކު މެޗު ނިމުން ދެ ލެގުގެ އެގްރިގޭޓް ނަތީޖާ ތިނެއް ތިނަކުން އެއްވަރުވެ ރަށުން ބޭރުގައި ކާމިޔާބު ކުރި ލަނޑުގެ އަދަދުން ބާސާ ސެމީ ފައިނަލަށް ދިޔައީ އެވެ.
އަދި ބާސާއިން މިވަނީ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން މިހާތަނަށް ޖެހިޖެހިގެން ހަ ފަހަރު ޖާގަ ހޯދި ހަމަ އެކަނި ޓީމުގެ ލަގަބު ހޯދާފައެވެ. މީގެ އިތުރުން މިފަހަރަކީ ބާސާއާއި ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގައި ކުޅޭ 29 ވަނަ ފަހަރެވެ.