11 Apr 2013, 09:23
ލަންޑަން (އެޕްރީލް 11): ދުނިޔޭގައި ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކުގައި ބިރުވެރި މިންވަރަކަށް ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް ކުޑަކުދިން ރޭޕް ކުރެވެމުންދާ ކަމަށް ކަމާ ބެހޭ ދިރާސާ ރިޕޯޓެއް ބުނެފި އެވެ.
ކުޑަކުދިންގެ ހައްޤުތަކަށް މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ "ސޭވްދަ ޗިލްޑްރަން" އިން ނެރުނު މިރިޕޯޓް ބުނާގޮތުން ދުނިޔޭގައި ދާޚިލީ ހަނގުރާމަތައް ކުރެވެމުންދާ ހުރިހާ ސަރަޙައްދުތަކެއްގައި ވެސް ޖިންސީގޮތުން އެންމެ ބޮޑު ގޯނާއެއް ކުރެވެމުން ދަނީ ކުޑަކުދިންނަށެވެ. މިރިޕޯޓްބުނާ ގޮތުން ދުނިޔޭގައި ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކުގެ ތެރޭން ކުޑަކުދިންނަށް އެންމެ ބޮޑަށް ޖިންސީ ގޯނާތައް ކުރިމަތިކޮށް އެންމެ ބޮޑަށް ކުޑަކުދިން ރޭޕްކުރެވެމުން ދަނީ ލައިބީރިޔާއާއި ސީރަލިޔޯން ގަ އެވެ. ނަމަވެސް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގާ ވެސް ބިރުވެރި މިންވަރަކަށް ޖިންސީ ގޮތުން ކުޑަކުދިން ޝިކާރަކުރެވެމުންދާ ކަމަށް މިރިޕޯޓްބުނެ އެވެ.
"ސޭވްދަ ޗިލްޑްރަން"ގެ ރިޕޯޓްބުނާ ގޮތުން ލައިބީރިޔާ އާއި ސީރަލިޔޯންގައި ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކުގައި ޖިންސީ ގޯނާއާއި ޖިންސީ ގޮތުން ޝިކާރަކުރެވޭ މީހުންގެ ތެރެއިން 70 އިންސައްތައަކީ ކުޑަކުދިންނެވެ. ޖިންސީ ގޮތުން ރޭޕްކުރެވޭ ކުޑަކުދިންގެ ތެރޭގައި އަންހެން ކުދިންނާއި ފިރިހެންކުދިން ވެސް ހިމެނޭ ކަމަށްވެ އެވެ.
ދުނިޔޭގައި ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކުގައި ކުޑަކުދިންގެ އިތުރުން ގިނައަދަދަކަށް އަންހެނުންވެސް ރޭޕްކުރެވެމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކުގައި އެންމެ ނިކަމެތި ޙާލުގައި އަދި ބިރުވެރިކަމާ އެކު އުޅެންޖެހިފައިވަނީ ވެސް އަންހެނުންނާއި ކުޑަކުދިން ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ރިޕޯޓްތައް ވެސް ބުނެ އެވެ. ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކުގައި އަންހެނުންނަށާއި ކުޑަކުދިންނަށް ޖިންސީ ގޯނާތައް ކުރަމުން ގެންދަނީ ގައުމުތަކުގެ ނިޒާމީ ސިފައިންނާއި ހަތިޔާރުއެޅި ޖަމާއަތްތަކަށް ނިސްބަތްވާ ހަނގުރާމަވެރިން ކަމަށްވެ އެވެ.
އަދި ކުޑަކުދިން ރޭޕްކުރުމަށް ފަހު ހަނގުރާމައިގާ ޙަރަކާތްތެރިވާ ސިފައިންނާއި ހަތިޔާރުއެޅި ޖަމާއަތްތަކުގެ ހަނގުރާމަވެރިން އެކުދިންލައްވައި ބުރަ މަސައްކަތްތައް ގަދަބާރުން މަސައްކަތްކުރުވައި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެކުދިންނަށް އަނިޔާ ކުރަމުންގެންދާ ކަމަށް ވެސް ވެ އެވެ. މީގެ އިތުރުން އެފަދަ ސަރަހައްދުތަކުގެ ކުޑަކުދިންގެ ބޮޑު ޕަސެންޓެއް ތަޢްލީމާއި ހިޔާވަހިކަމާއި ސިއްޙީ ފަރުވާއިން ވެސް މަހްރޫމް ކުރެވިފައިވާ އިރު ކުޑަކުދިން ހެދިބޮޑުވުމަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ވެސް އެކުދިންނަށް ނުލިބޭކަމަށް ސޭވްދަޗިލްޑްރަން ގެ ރިޕޯޓް ބުނެ އެވެ. (ނޫސްއެޖެންސީތައް)