ކ. ހިއްމަފުށީ ކައުންސިލް އިދާރާގައި ރޭ ދަންވަރު "ރޯކޮށްލުމުގެ" ސަބަބުން، އޮފީސް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ހިންމަފުށިން ބުނެފި އެވެ.

ހިއްމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހިމް ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެ އިދާރާގައި ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި މައުލޫމާތު ލިބުނުތާ 12 މިނެޓުގެ ތެރޭގައި ރައްޔިތުންނާއި ފުލުހުންގެ އެހީގައި އަލިފާން ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.

"ރޭ ދަންވަރު ތިނެއް ޖަހާ އެހާކަންހާއިރު އާއްމުންގެ މީހަކަށް ފެނިގެން ރިޕޯޓްކުރީ. ފުރަތަމަ ފުލުހުންނަށް ގުޅާފައި ދެން ކައުންސިލަށް އެންގީ. އަޅުގަނޑުމެންނަށް އަލިފާނުގެ މައުލޫމާތު ލިބުނުތާ 12 މިނެޓުގެ ތެރޭގައި ވާނީ އަލިފާން ކޮންޓްރޯލް ކޮށްފައި،" ކައުންސިލް ރައީސް ޝާން ވިދާޅުވި އެވެ.

ހިންމަފުށީ ކައުންސިލްގެ ޒިންމާދާރު ވެރިޔާ ހުސެން ވިދާޅުވީ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ވުމުން މުއައްޒަފުން މިއަދު މަސައްކަތްކުރަމުން ދަނީ ކައުންސިލް އިދާރާގެ ބޭރުގައި ޓެންޓެއް ޖަހައިގެން ކަމަށެވެ.

ޝާން އިތުރަށް ވިދާޅުވީ އިމާރާތުގައި ހުރި ގިނަ ލިޔެކިޔުންތަކެއް ވެސް ބޭނުން ނުކުރެވޭ މިންވަރަށް އަނދައިގެން ގޮސްފައިވާ އިރު، އޮފީހުގައި ހުރި ގޮޑި، މޭޒު އަދި އެނޫން ވެސް މަސައްކަތުގައި ބޭނުންކުރާ ގިނަ ސާމާނު އަނދައިގެން ގޮސްފައިވާ ކަމަށެވެ.

ފުލުހުން ވެސް ވަނީ ރޭ ދަންވަރު ހިންމަފުށީ ކައުންސިލް އިދާރާގައި ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމުން ފުލުހުންނާއި އާއްމުން ގުޅިގެން އަލިފާން ކޮންޓްރޯލްކޮށްފައިވާ ކަމަށް ބުނެފަ އެވެ. މިހާދިސާ ތަހުގީގުކުރުމަށް ފުލުހުންގެ ޓީމެއް މިހާރު ހިންމަފުށީގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ކައުންސިލް ރައީސް ޝާން ވިދާޅުވީ އެ އަލިފާނަކީ ގަސްތުގައި ބަޔަކު ރޯކޮށްލާފައިވާ އަލިފާންގަނޑެއް ކަމަށް ބެލެވޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ބެލެވެނީ ގަސްތުގައި ކަމަށް. އެއީ ކުޑަ ދޮރެއް ފާޅާލާފައި އެބަހުރި. އަދި އޮފީސް ތެރޭގައި ހުރި އަލަމާރިއެއް ވެސް ހުރީ އެހެން ދިމާލަކަށް ބަދަލުކޮށްފައި. އަޅުގަނޑުމެން މިތިބީ އޮފީސް ބަންދުކޮށްގެން. މާފުށިން ފުލުހުންގެ ތަހުގީގު ޓީމެއް މިހާރު އެބަ އާދޭ. އޭރުން އެނގޭނީ." ޝާން ވިދާޅުވި އެވެ.