ޕާޓީގެ މެމްބަރުންނަށް އަބަދުވެސް އިތުބާރު ކުރައްވާ ކަމަށާއި، އަދި އެއްވެސް މެމްބަރަކު ޕާޓީން ވަކިވި ކަމެއް މިހާތަނަށް އަންގާފައިނުވާ ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޑީއާރުޕީގެ ކައުންސިލް މެމްބަރު އަބްދުﷲ ޝާހިދު ޑީއާރުޕީ ދޫ ކުރައްވާ އިދިކޮޅު އެމްޑީޕީ އަށް ސޮއި ކުރެއްވި ކަމުގެ ޚަބަރު ތަކެއް މީޑިއާގައި ފެތުރިފައިވާތީ އެ ކަމާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަސްމީން ވިދާޅުވީ ޕާޓީގެ މެމްބަރަކު އެހެން ގޮތަކަށް ނުނިންމަވާހާ ހިނދަކު ކޮންމެ މެމްބަރަކާއި މެދުވެސް އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ޑީއާރުޕީ އިތުރަށް ބަދަހިވެ ވަރުގަދަ ވެގެންދާ މަންޒަރު ރައްޔިތުންނަށް ފެންނަމުންދާނެ ކަމަށެވެ.

ޝާހިދު އާ ގުޅޭ ގޮތުން ދައްކަމުންދާ ވާހަކަ ތަކާއި ގުޅިގެން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ތަސްމީން މިރޭ އިތުރަށް އެއްޗެއް ވިދާޅެއް ނުވި އެވެ.

"ޑީއާރުޕީގެ އެއްވެސް މެމްބަރަކު ވަކިވެ ވަޑައި ގެންނެވި ވާހަކައެއް ޑީއާރުޕީ އަންގަވާފައެއް ނެތް. އަޅުގަނޑުމެން ހުރިހާ މެމްބަރުންނާއި ދޭތެރޭވެސް ފުރިހަމަ އިތުބާރު އޮވޭ އެ ބޭފުޅަކު އެހެން ގޮތަކަށް ނުނިންމަވާހާ ހިނދަކު. އެހެންވީމައި އަޅުގަނޑު އިސްވެ މެމްބަރުން ގާތުގައި ތި ތިއްބެވީ ޕާޓީގައި ތޯ އެއް ނާހަން. އަދި އަހަން ޖެހޭނެ ކަމަށް ގަބޫލެއްވެސް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

ތަސްމީން މިރޭވެސް ވަނީ އިދިކޮޅު އެމްޑީޕީ އާއި އެކު ކޯލިޝަނެއް ނަހައްދަވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ނޫސްވެރީންގެ ކުރިމަތީގައި ތަކުރާރު ކުރައްވާފަ އެވެ. ތަސްމީން ވިދާޅުވީ އޭނާގެ ލީޑަރޝިޕެއްގައި ރައީސް ނަޝީދު އިސްކޮށް ހުންނަވާ ޕާޓީ އަކާއި އެކު ކޯލިޝަނެއް ނަހައްދަވާނެ ކަމަށާއި، އަދި މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ބޭނުމުގައި ޕާޓީ އެ ހާލަތަށް ހިނގައްޖެ ނަމަ އޭނާ އެ ޕާޓީގެ ލީޑަރޝިޕްގައި ނުހުންނަވާނެ ކަމަށެވެ.

އަބްދުﷲ ޝާހިދު އާއި ގުޅޭ ގޮތުން މީޑިއާގައި މީގެ ކުރީން ތަސްމީން ވިދާޅުވެފައިވަނީ ޝާހިދު އަށް އޭނާގެ ފުރިހަމަ އިތުބާރު އޮތް ކަމަށެވެ. އަދި ޝާހިދުގެ ތެދުވެރި ކަމާއި މެދު އޭނާގެ ހިތުގައި އެއްވެސް ސުވާލެއް ނުއުފެދޭ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އެމްޑީޕީއާއި ގާތް ގުޅުމެއް ޝާހިދު ބާއްވަވާ ކަމަށް ދެކެވޭ ވާހަކަ ތަކުންވެސް އޭނާ ދިފާއު ކުރައްވާ ތަސްމީން ވަނީ މީގެ ކުރީން ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވެފައިވަނީ އެ ފަދަ ވާހަކަތައް މީޑިއާ ގައި ފަތުރަނީ އެ ޕާޓީގެ އިސް ސަފުގައި ތިއްބަވާ ބޭފުޅުންގެ އަގު ވައްޓާލުމުގެ ބޭނުމުގައި ކަމަށެވެ.