ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ކެޔޮދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެމްބަރު އަދި އެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަކިވެ ވަޑައިގަތަސް ޕާޓީ އަށް އެއްވެސް ލޮޅުމެއް ނާންނާނެ ކަމަށާއި އަދި ޕާޓީ ދާނީ ކުރިއަށް ކަމަށް ޑީއާރުޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު އަދި ނޮޅިވަރަމް ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެމްބަރު މުހަންމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެ އެވެ.

ޑީއާރުޕީ ޖަގަހާގައި މިރޭ ބޭއްވި އެ ޕާޓީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މީގެ ކުރީންވެސް އެ ޕާޓީގެ ލޮބުވެތި ޒައީމް ޕާޓީ ދޫކުރައްވާ ވަޑައިގަތް ފަހުން ވެސް ޕާޓީ ދަނީ ހަމަ ކުރިއަށް ކަމަށެވެ. އަދި ވިދާޅުވީ ހަމަ އެގޮތަށް ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އެ ޕާޓީ ދޫ ކުރައްވާ ވަޑައިގަތަސް ހަމަ މިހާރު މިދާ ގޮތަށް ޕާޓީ ދާނީ ކުރިއަށް ކަމަށެވެ.

އޭނާ ވިދާޅުވީ ގަދަ ކަނޑުތަކުގައި ދަތުރު ކުރަން އޮޑި ނިކުތީމައި ކެތް ނުވެގެން އޮޑިން ފުންމާލާ މީހަކު ފުށްމާލަންވީ ކަމަށެވެ.

"ދަންނަވަންތޯ އަޅުގަނޑުމެންގެ ޕާޓީ އަށް ބޭފުޅަކު ވެދެ ވަޑައިގެންނެވިޔަސް، އަދި ބޭފުޅަކު ނިކުމެ ވަޑައިގެންނެވިޔަސް އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ޕާޓީގެ އާއްމު މެމްބަރުންގެ ހިތްޕުޅަށް ވަގުތީ ހިތްހަމަ ނުޖެހުމެއް ލިބިދާނެ. ދަންނަވަންތޯ އަބްދުﷲ ޝާހިދު ޕާޓީން ވަކިވެ ވަޑައިގަތަސް މި ޕާޓީ ދާނީ ހަމަ ކުރިއަށް. މި ޕާޓީގެ ލޮބުވެތި ޒައީމް ވެސް ވަކިވެވަޑައިގަތީ. ނަމަވެސް ޕާޓީ އިރާދަ ކުރެއްވިއްޔާ މި ދަނީ ކުރިއަށް. އަހްމަދު ތަސްމީން އަލީ ވަކިވެ ވަޑައިގަތަސް ޕާޓީ ދާނީ ކުރިއަށް،" އޭނާ ވިދާޅުވި އެވެ.

ކާނަލް އެ ގޮތަށް މިރޭ ވާހަކަ ދެއްކެވި އިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޑީއާރުޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު އަބްދުﷲ ޝާހިދު އިދިކޮޅު އެމްޑީޕީ އަށް ސޮއިކުރައްވާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ޚަބަރު ފަތުރާފަ އެވެ. ނަމަވެސް އެކަމާއި ގުޅޭ ގޮތުން ޝާހިދުވެސް އަދި އެމްޑީޕީން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކާނަލް ވިދާޅުވީ މެމްބަރުންގެ ހިތްތަކުގައި ވަހުމް އުފައްދަން މިޑިއާތަކުން ވަރަށްބޮޑަށް މަސައްކަތް ކުރައްވަމުން އެބަ ގެންދާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް މި މަހުގެ 23ވަނަ ދުވަހު ދަރުބާރު ގޭގައި ބާއްވާ އެ ޕާޓީގެ ގައުމީ ޖަލްސާގައި މަގާމުތަކަށް މީހުން އިންތިޚާބު ކުރުމަށް ފަހު ފަސް އެނބުރި ބެލުމެއް ނެތި ޕާޓީ ދަތުރު ކުރާނީ ކުރިއަށް ކަމަށެވެ.

"މިއަދު ޕާޓީގެ މެމްބަރުންގެ ހިތްތަކުގައި ވަހުމް އުފެއްދުމަށް ޓަކައި ތަފާތު މީޑިއާތަކުން ތަފާތު ގޮތް ގޮތަށް ޚަބަރު ފަތުރާ. އެމްޑީޕީ އަށް ޑީއާރުޕީގެ ހަ މެމްބަރަކު ގުޅުއްވުމާއި، މި ދެން ކޮންވާހަކައެއްތޯ. އަބްދުﷲ އަބްދުއްރަހީމް އެމްޑީޕީގައި ހުންނަވާފައި، ވަކިވެ ވަޑައިގެންފައި، އެމްޑީޕީ އާ ގުޅިވަޑައިގެންފައި، ވަކިވެ ވަޑައިގެންފައި، އެމްޑީޕީ އާ ގުޅިވަޑައިގެންފައި ވަކިވެ ވަޑައިގެންފައި، އަނެއްކާ ގުޅި ވަޑައިގަތީމައި އެއީ ދެން މާ ބޮޑު ކާމިޔާބީއެއް ކަމަށްވާ ނަމަ އެއީ ކާމިޔާބީއެއް. އަލްހާން ފަހުމީ އެމްޑީޕީގައި ހުންނަވާފައި، ވަކިވެ ވަޑައިގެން އުޅުއްވާފައި، އަނެއްކާ ގޮސް އެމްޑީޕީއާ ކައިރި ވެލައި އުޅެފައި، އަނެއްކާ ވެސް ދުރަށް ޖެހިލާފައި، އަނެއްކާ ވެސް ގޮސް އެމްޑީޕީ އަށް ވަނީމާ އެއީ ކާމިޔާބީއެއް ކަމަށް ދެކޭ ނަމަ އެއީ ކާމިޔާބީ އެއް،" ކާނަލް ވިދާޅުވި އެވެ.

އެހެން ޕާޓީތަކާ އެކު ޑީއާރުޕީން ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ކާނަލް ވިދާޅުވީ އެމްޑީޕީ އާއި ޕީޕީއެމް އާ އެކު ކޮލިޝަނެއް ހެދުމުގެ އެއްވެސް ވިސްނުމެއް އަދި ޕާޓީން ނުގެންގުޅޭ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަނެއް ހެދުމުގެ މަޝްވަރާތައް ކުރެވި އެކަމަށް ކުރިއެރުންތަކެއް ވެސް ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އެކު އެ ކޯލިޝަން ގާއިމް ކުރެވިއްޖެ ނަމަ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަބުރު ޑީއާރުޕީ އަށް އެ ފަތަހަ ކުރެވުނީ ކަމަށެވެ.