ގއ. އަތޮޅުގައި ހުރި ސަރުކާރުގެ އިދާރާތަކުގެ ފައިސާއާ ގުޅޭ މަސައްކަތްތައް ހިނގަމުންދަނީ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްތޯ ބަލައި، އެތަންތަނުގެ ލިޔެކިޔުންތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޗެކްކުރަމުންދާ ކަމަށް އޭސީސީން ބުނެފި އެވެ.


އޭސީސީން ނެރުނު ބަޔާނެއްގައި ބުނަނީ، ގއ. އަތޮޅުގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ ބައްދަލުވުންތަކެއް ކޮމިޝަނުން ކުރިއަށް އެބަގެންދާ ކަމަށާއި އެ ބައްދަލުވުންތަކުގެ ހަވާސާގައި، އޭސީސީގެ ޕްރޮވެންޝަން ޕްރޮގްރާމްގެ ދަށުން ދައުލަތުގެ އިދާރާތަކުގެ ލިޔެކިޔުންތަކާ ފައިސާއާ ގުޅޭ ކަންކަން ކޮމިޝަނުންގެ ޓީމުން ބަލަމުންދާ ކަމަށެވެ.  


އޭސީސީން ނެރުނު ބަޔާނެއްގައި ބުނަނީ، މިދިޔަ އާދީއްތަ ދުވަހު ފެށި ހޭލުންތެރިކުރުވުމުގެ ބައްދަލުވުންތައް ކުރިއަށްގެންދަނީ މާދަމާގެ ނިޔަލަށް ކަމަށެވެ. މި ބައްދަލުވުންތަކުގައި، ކޮރަޕްޝަން ނައްތާލުމާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރުވުމަށާއި ދައުލަތުގެ ތަންތަނުގެ މުވައްޒަފުންނަށް ވެސް އެކަމާ ގުޅޭ މައުލޫމާތުދީ، ދައުލަތުގެ ފައިސާއާ ބެހޭ ގަވާއިދުތައް އޮޅުން ފިލުވައިދެމުންދާ ކަމަށެވެ.


މި ބައްދަލުވުންތަކުގެ މަގްސަދަކީ ކޮރަޕްޝަނުގެ ގެއްލުމާއި ނުބައިކަން ރައްޔިތުންނަށް އަންގައިދީ، ކޮރަޕްޝަން ނައްތާލުމަށް އާންމުންގެ ވެސް އެއްބާރުލުން ހޯދުން ކަމަށް އޭސީސީން ބުންޏެވެ. އަދި ދައުލަތުގެ މުއައްސަސާތަކުގައި ކޮރަޕްޝަނަށް ފުރުސަތު ލިބޭ ގޮތަށް ހުންނަ ކަންތައްތައް އިސްލާހުކޮށް، އެފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް މުވައްޒަފުން އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ދިނުން ހިމެނޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.


ކޮރަޕްޝަނާ ބެހޭ ގޮތުން މައުލޫމާތު ދޭއިރު ކޮރަޕްޝަނަކީ ކޮބައިކަމާއި އެކަމުގެ ގެއްލުމާއި ނުރަނގަޅު އަސަރުތައް އާއްމުންނަށް އަންގައިދީ ކޮރަޕްޝަނުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން އޭސީސީގެ ކަމާ ބެހޭ ފަންނީ ބޭފުޅުންގެ ޓީމަކުން މައުލޫމާތު ދެއްވަމުންދާ ކަމަށެވެ.