އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިންޑިއާގެ ޖީއެމްއާރަށް ދީފައިވާ އެގްރިމެންޓްގައިވާ ސީނިއާ ފައިނޭންޝަލް އެގްރިމެންޓް ޖީއެމްއާރަށް ދިނުމުގައި ދިވެހި ސަރުކާރުން އަމަލުކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖީއެމްއާރަށް ކުރީގެ ސަރުކާރުން އެއާޕޯޓް ދީފައި ވާތީ އޮޑިޓާ ޖެނެރަލް ހައްދަވާފައިވާ، އެއާޕޯޓްގެ ހާއްސަ އޮޑިޓް ރިޕޯޓްގައިވާ ބައެއް ކަންތައްތަކާ ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް މައުލޫމާތު ދެއްވަމުން އޮޑިޓާ ޖެނެރަލް ނިޔާޒް މިއަދު ވިދާޅުވީ އެ އެގްރިމެންޓްގައި އެއާޕޯޓް ހަވާލުވާ ފަރާތްތަކަށް ފައިނޭންޝަލް އެގްރިމެންޓަށް ދިވެހި ސަރުކާރުން ގެރެންޓީ ދިނުމަށް ނިންމާފައިވާ އިރު ސަރުކާރުން އެކަމުގައި އަމަލުކޮއްފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ.

"ދައުލަތުގެ ފިނޭންސް މިނިސްޓްރީގައި ސީނިއާ ފައިނޭންޝަލް އެގްރިމެންޓުގެ ކޮޕީއެއްހާ މިންވަރު ވެސް ނެތް ވަރަށް ފަހަކާ ޖެހެންދެން ވެސް. އެހެންކަމުން ދިވެހި ސަރުކާރުން އެންމެ އެކަށީގެންވާ ގޮތެއްގައެއް ނޫނޭ އެކަމުގައި އަމަލުކޮށްފައި އެ އޮތީ. ދައުލަތުގެ މައްޗަށް އެހާބޮޑު ބާޑަންއެއް[ބުރައެއް] އައިސްދާނެ ކަމަކަށް ދައުލަތުން ގެރެންޓީދޭ އިރު އަޅުގަނޑު ހިތުން އެ ސީނިއާ ފައިނޭންޝަލް އެގްރިމެންޓުގައި އޮތް އެއްޗެއް ވެސް ވަރަށް ރަނގަޅަށްބަލާފައި އޭގެ އެކޮޅު މިކޮޅުބަލާފައި އެއިގެން ނުކުމެދާނެ ނުބަޔަށް ވެސް ހިސާބުކިތާބު ޖަހާފައި ކަން ނޭނގެ ދައުލަތުން އެވަރުގެ ގެރެންޓީއެއް ދެއްވަން ވާނީ،" އޮޑިޓާ ޖެނެރަލް ނިޔާޒް ވިދާޅުވި އެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޮޑިޓާ ޖެނެރަލް ވިދާޅުވީ ސަރުކާރުން ގެރެންޓީ ދީގެން ޖީއެމްއާރުން އެއާޕޯޓް ތަރައްގީ ކުރުމަށް 116 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާ އިރު އެއާޕޯޓް ތަރައްގީގެ މަސައްކަތްތައް 196 މިލިއަން ޑޮލަރު ހަރަދުކުރައްވާފައިވާކަން ޖީއެމްއާރްގެ ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އަދި ވިދާޅުވީ އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖް، (އޭޑީސީ)ގެ ފައިސާ އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ލިބޭ ކޮންސެޝަންފީ އިން ކެނޑުމުން އެމްއޭސީއެލް ވަރަށް ނާޒުކު ފައްތަރަކަށް ދިޔަ ކަމަށެވެ. އަދި އެ އެގްރިމެންޓްގެ ދަށުން ދިވެހި ސަރުކާރުން ބަދަލުގެ ގޮތުގައި ދޭން ޖެހޭނީ ޖީއެމްއާރް އިން ކޮށްފައިވާ ހަރަދެއް ކަމަށް ބެލެވޭ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.

އޮޑިޓް ރިޕޯޓާ ގުޅިގެން އޮޑިޓް އޮފީހުން ހުށައެޅި ޕްރެޒެންޓޭޝަނުން ދައްކާ ގޮތުން ޖީއެމްއާރަށް އައިއެންއައިއޭ ހިންގުމަށް ފުރުސަތު ލިބިފައި ވަނީ އެއާޕޯޓް ހިންގާ އިރު ތެޔޮ ވިއްކައިގެން ލިބޭ އެއްޗަކުން ދިވެހި ދައުލަތަށް ދޭން އެއްބަސްވި މިންވަރު އެކުންފުނިން އިތުރުވެގެންނެވެ. އަދި އެއާޕޯޓް ދީފައިވާ އިރު ތެލާއި އޭޑީސީގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ ފައިދާ މަދުވާކަން ފާހަގަކޮށްފަ އެވެ.