10 Apr 2013, 19:51
އެންމެ ފަހުގެ އިނގިރޭސި ޕްރެމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއިން ބޭނުންވަނީ ލީގުގެ ދެވަނާގައި އޮވެ ނިންމާލަން ކަމުގައި އެކްލަބުގެ ކޯޗް ރޮބާޓޯ މަންޗިނީ ބުނެފި އެވެ.
މަންޗިނީ މިހެން ބުނީ ޕްރިމިއާ ލީގުގެ އެއްވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗަށްފަހު އެވެ. ރޭގެ މެޗުން ސިޓީއިން ވާދަވެރި ޔުނައިޓެޑް ބަލުކުރީ 2-1 ލަނޑުންނެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މެޗުގައި ސިޓީއިން ފުރަތަމަ ލީޑް ހޯދި ނަމަވެސް ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރި އެވެ. ސިޓީއަށް އަލުން ލީޑް ހޯދައިދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފްގައި ފެނުނު އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއެރޯ އެވެ.
ހޯމަ ދުވަހުގެރޭގެ މެޗުގައި ޔުނައިޓެޑް އަތުން ސިޓީ މޮޅުވުން ހައްގު ކަމުގައި މަންޗިނީ ބުނެފައިވެއެވެ.
"އަހަރެމެން މިހިރީ ހިތްހަމަޖެހިފައި. އަހަރެމެން ރަނގަޅު ފުޓްބޯޅައެއް ކުޅުނިން. އެހެންކަމުން އެކަމާއި މެދު މިހިރީ ހިތްހަމަޖެހިފައި. މިސީޒަންގައި އެންމެ ފުރަތަމަ ބައްދަލުކުރި މެޗުގައި ވެސް އަހަރެމެން ރަނގަޅު ކުޅުމެއް ދެއްކިން. ނަމަވެސް ނަސީބު ހުރިގޮތުން އެމެޗު ލިބުނީ ޔުނައިޓެޑަށް. ޔުނައިޓެޑް އަތުން މޮޅުވުން އަހަރެމެންނަށް ހައްގު." މަންޗިނީ ބުންޏެވެ.
ޕްރިމިއާ ލީގުގެ ދެވަނައިގައި ސިޓީ އޮތްއިރު، ތިންވަނާގައި އޮތް ޗެލްސީ އޮތީ ހަތް ޕޮއިންޓް ފަހަތުގައެވެ. ހަތަރުވަނާގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އާއި ޗެލްސީ އާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާއިރު، ފަސްވަނާގައި އޮތީ އާސެނަލް އެވެ.