10 Apr 2013, 19:44
އިޓަލިއަން ސެރީއާގައި މިދިޔަ ހޯމަ ދުވަހުގެރޭ ލާޒިއޯ އާއި ރޯމާ ބައްދަލުކުރި މެޗުގައި ބޭނުންވީ ގިނަ ގޯލްތައް ޖަހާ ރެކޯޑެއް ހަދާކަށް ނޫންކަމަށާއި ބޭނުންވީ ޓީމް މޮޅު ކޮށްދޭން ކަމަށް ރޯމާގެ ކެޕްޓަން ފްރެންޗެސްކޯ ޓޮޓީ ބުނެފި އެވެ.
ލާޒިއޯ އާއި ދެކޮޅަށް ކުޅުނު މެޗުގައި ރޯމާ ބަލިވާން ދަނިކޮށް ދެވަނަ ހާފްގައި ލިބުނު ޕެނަލްޓީއަކުން އެޓީމް ސަލާމަތްކޮށްދިނީ ޓޮޓީ އެވެ. ލާޒިއޯގެ ލަނޑު މެޗުގެ ސޯޅަ ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހާނަނޭސް އެވެ. ރޯމާ އަށް ލިބުނު ޕެނަލްޓީ ޓޮޓީ ކާމިޔާބުކޮށްދިނީ މެޗުގެ 56 ވަނަ މިނެޓްގަ އެވެ.
"އަހަރެން ރެކޯޑް ހަދަން ވަރަށް ބޭނުން. އެއީ އަހަރެން އެންމެ ފަހުރުވެރިވާނެ ރެކޯޑަށް ވާނެތީ. ނަމަވެސް އަހަރެން އަބަދުވެސް ބަލަނީ ޓީމަށް ތިން ޕޮއިންޓް ހޯދައިދެވޭތޯ. އެގޮތުން ލާޒިއޯ އާއި ދެކޮޅަށް ކުޅުނު މެޗުގައި އަހަރެން ބެލީ ޓީމަށް މޮޅެއް ހޯދައިދޭން. ރޯމާއަކީ އަހަރެންގެ ހަޔާތުގައި އެންމެ މުހިންމު ކްލަބު." އުމުރުން 36 އަހަރުގެ ފޯވާޑް ޓޮޓީ ބުންޏެވެ.
ލާޒިއޯ އާއި ރޯމާ ބައްދަލުކުރާ މެޗުތަކަކީ ރޯމްގެ އެންމެ ބޮޑު މެޗެވެ. ރޭ ޓޮޓީ ކާމިޔާބުކުރި ލަނޑަށްފަހު އޭނާ ވަނީ މިމެޗުތަކުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިންގެ ލިސްޓަށް އަރާފަ އެވެ. ޓޮޓީއާއެކު ރޯމްގެ ބޮޑު ކުރިމަތިލުންތަކުގައި އެންމެ ގިނަ ލަނޑުތައް ކާމިޔާބުކުރި ކުޅުންތެރިންގެ ތެރޭގައި އިތުރު ދެކުޅުންތެރިއަކު ހިމެނެ އެވެ. އެއީ ރޯމާގެ ކުރީގެ ދެތަރިން ކަމަށްވާ ޑިނޯ ދަ ކޮސްޓާ އާއި މާކޯ ޑެލްވަކިއޯ އެވެ. މިމެޗުތަކުން މި ތިން ކުޅުންތެރިން ކާމިޔާބުކޮށްފައި ވަނީ ނުވަ ލަނޑެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ ތާރީހުގައި ޓޮޓީ އަކީ ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ޓޮޓީގެ ފުޓްބޯޅަ ކެރިޔަރުގައި ކުޅުނު ހަމައެކަނި ކްލަބަކީ ރޯމާ އެވެ. ޓޮޓީ ވަނީ އެކްލަބަށް 200 އަށްވުރެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭނަ އަކީ އެކްލަބަށް އެންމެ ގިނަ މެޗު ކުޅެ، އެންމެ ގިނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ކުޅުންތެރިޔާ އެވެ.