10 Apr 2013, 19:38
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި މިރޭ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) އާއި ދެކޮޅަށް ސްޕެއިންގެ ބާސެލޯނާ އެކްލަބުގެ އެންމެ މުހިންމު ކުޅުންތެރިޔާ ލިއޮނެލް މެސީ އާއި ނުލައި ނުކުންނަން ޖެހުނަސް ސެމީ ފައިނަލަށް ދަތުރުކުރެވިދާނެ ކަމަށް ބާސާގެ އެސިސްޓަންޓް ކޯޗް ޖޯޑީ ރޯރާ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ޕީއެސްޖީ އާއި ބާސާ ކުޅެ 2-2 ލަނޑުން އެއްވަރުވި މެޗުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ މެސީގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފަ އެވެ. ދެވަނަ ލެގުގައި މިރޭ ނުކުންނައިރު، މެސީއަށް ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ބާސާއިން އަދި ދީފައެއް ނުވެއެވެ.
"މިރޭގެ މެޗުގައި މެސީއަށް ނުކުޅެވޭނަމަ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ނެތްތަން ދައްކާނެ. އެއީ އަހަރެމެންނަށް ލިބޭނެ ދެރައެއް. މެސީއާއި ނުލައި ބާސާއަށް މޮޅުވެވިދާނެ. މިމެޗުން މޮޅެއް ހޯދަން އަހަރެމެންގެ މަސައްކަތްކުރާނަން. ކުޅެވޭނެ ކަމުގައި ޔަގީންކަމެއް އޮތްނަމަ، މެސީ ކުޅޭނެ. ނަމަވެސް މެޑިކަލް ޓެސްޓްތަކުގެ ނަތީޖާތައް ލިބެންދެން އަހަރެމެން ކެތްތެރިވާން ޖެހޭނެ." ރޯރާ ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ޕީއެސްޖީ އާއި ދެކޮޅަށް ބާސާ ކުޅޭ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 11:45 ގައެވެ. މިމެޗު ކުޅޭނީ ބާސާގެ ކޭމްޕް ނޯ ސްޓޭޑިއަމްގަ އެވެ.