ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ޖަރުމަންގެ ބަޔާން މިއުނިކާއި ދެކޮޅަށް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް މިރޭ ނުކުންނަން ޖެހޭނީ ތަފާތު ކުޅުމެއް ދައްކަން ކަމުގައި އެކްލަބުގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ޖަރުމަން ބުންޑަސްލީގާގެ ޗެމްޕިއަންކަން ކަށަވަރުކުރި ބަޔާން އިން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޔުވެންޓަސް އަތުން 2-0 ލަނޑުން މޮޅުވެފަ އެވެ. ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ދަތުރުކުރަން ބޭނުންނަމަ، ބަޔާންއިން ގޯހެއް ނުހެދުމަށް މަސައްކަތްކުރަން ޖެހޭއިރު ޔުވެންޓަސް އިން ނުކުންނާނީ މިމެޗުން މޮޅުވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަން ކަމަށް ގަބޫލުކުރެވެ އެވެ.

ޔުވެންޓަސް އިން އިތުރު ހަރުފަތަކަށް ދާން ބޭނުންނަމަ މިމެޗަށް ނުކުންނަން ޖެހޭނީ ހިތްވަރުކޮށް މޮޅުވުމުގެ ރޫހުގައި ކަމަށް އެންޓޯނިއޯ ކޮންޓޭ ވަނީ ބުނެފަ އެވެ.

"އަހަރެމެން އިތުރު ކާމިޔާބެއް ނުވަތަ އިތުރު ހަރުފަތަކަށް ދާން ބޭނުންނަމަ މިމެޗަށް ނުކުންނަން ޖެހޭނީ މެޗުން މޮޅުވުމުގައި ރޫހުގައި." ކޮންޓޭ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ބަޔާންއާއި ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 11:45 ގައެވެ. މިމެޗު ކުޅޭނީ ޔުވެންޓަސްގެ ޔުވެންޓަސް ސްޓޭޑިއަމްގަ އެވެ.