10 Apr 2013, 19:01
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ތައްޔާރު ކުރަމުންގެންދާ ވޯޓާލާ މީހުންގެ ލިސްޓުގައި ރަސްޓްރީ ކުރެވިފައި ނުވާ ފަރާތްތަކަށް އެ އިންތިހާބުގައި ވޯޓު ލުމުގެ ފުރުސަތު ނުލިބޭނޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށްދާ މިންވަރު މީޑިޔާއާ ހިއްސާ ކުރުމަށް ކޮންމެ ދެހަފްތާއަކުން އެއް ހަފްތާގައި ބާއްވާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފުއާދު ވިދާޅުވީ ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ނަން ވޯޓުލާ މީހުންގެ ލިސްޓުގައި އޮތްތޯ ބެއްލެވުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ އެދުމެއް އެއީ ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ނަން ވޯޓާސް ލިސްޓުގައި އެބޭފުޅެއްގެ ރަށުގެ އެޑްރެހުގައި އޮތްތޯ ބައްލަވާލަ ދެއްވުން. ނެތްކަމަށް ވަންޏާ ލަސްނުކުރަށްވައި އަޅުގަނޑުމެންނަށް އެކަންތައް ހުށަހެޅުއްވުމަކީ ވަރަށްބޮޑަށް އެދޭ ކަމެއް،" ފުއާދު ވިދާޅުވިއެވެ.
ފުއާދު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި އެކޮމިޝަނުން ވޯޓުލާ މީހުންގެ ލިސްޓު ގެޒެޓް ކުރާއިރު އާންމުންގެ ޝަކުވާ ހުޝަހެޅުމަށް އިތުރު ފުރުސަތެއް ދެވޭނެއެވެ. އެކަމަކު އެމުއްދަތުގެ ތެރޭގައި ޝަކުވާ ހުށަ ނޭޅިއްޖެނަމަ، ފަހުން އެމީހަކު ހުރިތަނަކުން ވޯޓުލުމަށް ހުޅުވައިލެވޭ ރަޖިސްޓްރޭޝަންގައި ލިސްޓްގައި ނަން ނެތްމީހަކަށް އިތުރު ފުރުސަތެއް ލިބިވަޑައި ނުގަންނަވާނޭކަންވެސް ފުއާދު ފާހަގަކުރެއްވި އެވެ.
"ފަހުން އެމީހަކު ހުރިތަނަކުން ވޯޓުލުމަށް ހުޅުވައިލެވޭ ރަޖިސްޓްރޭޝަންގައި ލިސްޓްގައި ނަން ނެތްމީހަކަށް އިތުރު ފުރުސަތެއް ލިބިވަޑައި ނުގަންނަވާނެ. އޭރު ހަމައެކަނި އެހެންތަނެއްގައި އޮތް ނަމެއް މިހާރު ހުންނެވި ތަނަށް ބަދަލު ކުރުމުގެ ފުރުސަތު ލިބިގެންދާނީ. ނެތް ނަމެއް އިތުރު ކުރުމުގެ ފުރުސަތެއް ލިބިގެނެއް ނުދާނެ. މިއީ ވަރަށް ގިނަ ފަރާތްތަކަށް ވަރަށް ގިނަ ބޭފުޅުންނަށް އޮޅިވަޑައިގެންފައިވާ ކަމަށްކަށްވާތީ ދަންނަވާލީ،" ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ އެންމެ ފަހުވަގުތު ވޯޓުލާން ވަޑައިގަންނަވާ އިރު ނަންނެތިގެން ޝަކުވާ ކުރެއްވިޔަސް އެކަން ބައްލަވައި ނުގެންނެވޭނޭ ކަމަށާއި އެހެން ކަމުން ހުރިހާ ފަރާތްތަކަކުންވެސް އެކަމަށް ސަމާލުވެ ދުރާލައި، އެފަރާތެއްގެ ނަން ވޯޓުލާ މީހުންގެ ރެޖިސްޓްރީގައި އޮތްތޯ ބެއްލެވުމަކީ އެ ކޮމިޝަންގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ.
ކޮމިޝަންގެ ރައީސް ވިދާޅުވިގޮތުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއާ ބެހޭގޮތުން އެ ކޮމިޝަނަށް ލިބުނު ޝަކުވާތަކާއި ކޮމިޝަނަށް އަނބުރައި ލިބިފައިވާ ލިސްޓުތަކުގެ ޖަވާބުތައް ޕޯސްޓު މެދުވެރިކޮށް މިހާރު ފޮނުވެމުން ދާކަމަށެވެ. އަދި ވޯޓުލާ މީހުންގެ ރަޖިސްޓްރީ އިސްލާހުކުރުމަށް މިމަހުގެ 12 ވަނަ ދުވަހު އައްޑޫ ސިޓީއަށް ރެޖިސްޓްރޭޝަން ސެކްޝަނުން ޓީމެއް ފުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.
އަންނަ މޭމަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަނުގައި ވޯޓްލާން އެދޭ ފަރާތްތަކަށް މިމަހުގެ ހަތްވަނަ ދުވަހުންފެށިގެން ސޯޅަވަނަ ދުވަހުގެ ނިޔަލަށް "އަލުން ރަޖިސްޓްރީވުމުގެ ފުރުސަތު" ހުޅުވާލެވިފައި ވާކަމަށްވެސް ފުއާދު ވިދާޅުވިއެވެ.