10 Apr 2013, 19:00
ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވޮލޮޕްމަންޓުން ކެންޓީން ހިންގި އިމާރާތް ބިޑް އުސޫލުން ނޫން ގޮތަކަށް އެއްވެސް ފަރާތަކާ ހަވާލުނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގައިފި އެވެ.
އޭސީސީން ބުނީ ކުރީގެ އެޓޯލްސް މިނިސްޓްރީގެ މުވައްޒަފުންނަށް ހިދުމަތް ދިނުމަށް ހުޅުވާފައިވާ ކެންޓީން އެމިނިސްޓްރީ އުވިގެން ދިޔަ ނަމަވެސް އެތަނަށް ކުލި ނުދައްކާ ހިނގަމުންދާ ކަމުގެ މައްސަލައެއް މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެ ކޮމިޝަނުން ބެލިއިރު އެތަނީ އެޓޯލްސް މިނިސްޓްރީ އުވިގެން ދިޔަފަހުން ހޯމް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ތަނެއް ކަމަށާއި ނަމަވެސް ހޯމް މިނިސްޓްރީން އެތަނުގައި ކެންޓީނެއް ހިންގުމަށް ބޭނުންނުވާތީ އާއި އެތަނުގެ ކެންޓީނެއް ހިންގުމަކީ ވެސް އެމިނިސްޓްރީއަށް ފެންނަ ކަމެއް ނޫން ކަން ބަޔާންކޮށް ހޯމްމިނިސްޓްރީން 31 ޖެނުއަރީ 2013 ގައި ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެ ކެންޓީން ހިންގުމަށް ކުރީގެ އެޓޯލްސް މިނިސްޓްރީ އާއި ސައުތު ސެންޓަރު އެންޓާ ޕްރައިސަސް އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު 31 ޑިސެންބަރު 2012 ގައި ހަމަވެފައިވާތީ އެތަން ދައުލަތަށް ނެގުމަށްފަހު އެތަނުގެ ކުލީގެ ގޮތުގައިވާ ފައިސާއާއި ޖޫރިމަނާގެ ފައިސާ ހޯދުމަށް މިދިޔަ ފެބްރުއަރީ 13 ވަނަ ދުވަހު ފިނޭންސުން އެކޮމިޝަނަށް އަންގާފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ފިނޭންސް މިނިސްޓްރީގެ އެންގުމާ ގުޅިގެން އެ ކެންޓީން ހިންގުމަށް ސަރުކާރުން ބޭނުންނުވާތީ އާއި އެތަން ކުއްޔަށް ދީފައިވާ މުއްދަތު ހަމަވެފައިވާތީ އެތަން ހުސްކޮށް 28 ފެބްރުއަރީ 2013 ގެ ނިޔަލަށް އެތަނުގެ ތަޅުދަނޑި ފިނޭންސްއާ ހަމާލުކުރުމަށް އަންގާފައިވާނެ ކަމަށެވެ. އަދި 2ު8 ފެބްރުއަރީ 2013 ގެ ނިޔަކަށްވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ ފިނޭންސަށް ދެއްކުމަށް އެ ޓޯލްސް މިނިސްޓްރީ ހިންގި އިމާރާތަކީ ސަރުކާރުގެ އެހެން ބޭނުމަކަށް ބޭނުން ކުރުމަށް ހަމަޖެހިފައިވާ ތަނެއް ކަމުގައިވާތީ އެތަން ވީހާވެސް އަވަހަށް ހުސްކުރަން ބޭނުންވާ ކަމުގައި ސައުތް އެންޓާ ޕްރައިޒަސްއަށް އަންގާފައިވާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.