10 Apr 2013, 18:51
ރާއްޖެ ޓީވީއަށް ރައީސުލްޖުމްހޫރިއްޔާގެ އިވެންޓްތަކަށް ފުރުސަތު ނުދެނީ އެ އޮފީހުން ގެންގުޅޭ މިންގަނޑަށް އެތަނުން ހަބަރު ފަތުރަމުން ނުދާތީ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހާޒިރު ކުރެއްވައި މެންބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ރައީސް އޮފީހުގެ މީޑިއާ ސެކްރެޓަރީ މަސްއޫދު އިމާދު ވިދާޅުވީ ރައީސްގެ އިވެންޓުތަކަށް ދައުވަތު ދިނުމުގައި ގެންގުޅޭނެ އުސޫލެއް އެ އޮފީހުން ކަނޑައަޅާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ކަނޑައަޅާފައިވާ މިންގަނޑަކީ ޒިންމާދާރު ތަޖުރިބާކާރު މީޑިއާތަކަށް ފުރުސަތު ދިނުން ކަމަށާއި އެ މިންގަނޑަށް ފެތެނީ ޓީވީއެމް އާއި ދިޓީވީ އާއި ވީޓީވީ އާއި ސަން އޮންލައިނާއި ހަވީރު ނޫހުގެ އިތުރުން މިއަދު ނޫހާއި މިނިވަން ނިއުސް ކަމަށް ވެސް މަސްއޫދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މިންގަނޑަށް ފެތޭ ފަރާތްތަކަށް ދައުވަތު ދެނީ. އެ މިންގަނޑަށް ނުފެތޭތީ ރާއްޖެ ޓީވީއަށް ދައުވަތު މި ނުދެވެނީ،" މަސްއޫދު ވިދާޅުވި އެވެ.
ދައުވަތު ނުދޭ މީޑިއާތަކަށް ވެސް މައުލޫމާތު ލިބޭނެ ގޮތްތަކެއް ހަމަޖައްސާފައިވާނެ ކަމަށާއި އެގޮތުން ރައީސް އޮފީހުގެ ވެބްސައިޓުންނާއި ޕްރެސް އޮފީހުން ބޭނުންވާ މައުލޫމާތެއް އެއްވެސް ހުރަހެއްނެތި ލިބޭނެ ކަމަށް ވެސް މަސްއޫދު ވިދާޅުވި އެވެ.
ރައީސް ކުރައްވާ ދަތުރުފުޅުތަކަށް ހުރިހާ މީޑިއާތަކަށް ދައުވާތު ނުދެވޭނެ ކަމަށާއި އެއީ ޚަރަދު ކުޑަކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސްގެ ދަތުރުފުޅުތަކަށް އާންމުކޮށް ދައުވަތު ދެއްވަނީ ޓީވީ މޯލްޑިވްސް އަށް ކަމަށް މަސްއޫދު ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމެޓީގެ މެންބަރުން ވަނީ މީޑިއާތަކަށް ދައުވަތު ދިނުމުގައި ރައީސް އޮފީހުން އެކުލަވާލާފައިވާ އުސޫލު އެ ކޮމެޓީ އަށް ފޮނުވައިދިނުމަށް އެދިވަޑައިގެންފައެވެ. އެކަމާ ގުޅިގެން މަސްއޫދު ވިދާޅުވީ މާދަމާގެ ވަގުތެއްގައި އެ އުސޫލު އެ ކޮމެޓީއަށް ފޮނުވާނެ ކަމަށެވެ.