10 Apr 2013, 18:39
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ޅ. ކަނިފުށީގެ ސްޓޯރު އޮފީސް ފަޅާލާ އެ ތަނުން ވަގަށް ނަގާފައިވާ 22380ރ. ގެ ތެރެއިން އެކާވީސްހާސް ސާޅީސް ފަސް ރުފިޔާ ހޯދާ އެ ފައިސާ ނެގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްްޔަރުކޮށްފި އެވެ.
އެ މައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުން 24 އަހަރުގެ ފިރިހެނެކެވެ. ނަމަވެސް ތަހުގީގު ކުރިއަށްދާތީ އެމީހާގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ މި މަހުގެ ތިންވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ކަނިފުށީ ސްޓޯރުގެ އޮފީސް ފަޅާލާފައިވާ މައްސަލަ ހުށަހެޅުމާ ގުޅިގެން ފުލުހުން އެރަށަށް ގޮސް ތަހުގީގު ފަށާފައިވާ ކަމަށެވެ. އެގޮތުން އެރަށުގައި ފުލުހުން ހިންގި ތަހުގީގުގައި އެކަމަށް ތުހުމަތުކުރެވޭ މީހަކު ދިރިއުޅެމުން ގެންދާ ސައިޓަށް ގޮސް އޭނާ ނިދާތަން ބަލައި ފާސްކުރުމަށް ބޭނުންވާކަމަށް ބުނުމުން އޭނާ ދުވެފައި ގޮސް އެތަނުގެ ސިޑިން މައްޗަށް އަރައި ހުދުކުލައިގެ ކޮތަޅެއް ނަގައި ބޭރަށް އެއްލާލިތަން ފުލުހުންނަށް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާ ހައްޔަރުކުރުމަށް ފަހު އޭނާ އެއްލާލި ކޮތަޅު އޭނާގެ ހާޒިރުގައި ބަލައި ފާސްކުރި އިރު އެ ކޮތަޅުގެ ތެރެއިން 21045ރ. ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.