10 Apr 2013, 16:55
ހޯމް މިނިސްޓަރު ޖަމީލް އާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މަށްޗަށް އިތުބާރުނެތް ކަމަށް ފާސް ކުރުމަށް އިދިކޮޅު އެމްޑީޕީން ހުށަހަޅައިފައިވާ މައްސަލައިގައި އެ ބޭފުޅުންނަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ލިބުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކަންތައް ކުރެއްވި ގޮތަކީ ބަލައިގަނެވޭނެ ގޮތެއް ނޫން ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ އިތުބާރުނެތް ކަމުގެ ވޯޓު ނެގުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން މީގެ ކުރީން ނިންމާފައިވާ ނިންމުމަކީ ބައެއް މެމްބަރުންނައް ނުވަތަ ބައެއް ޕާޓީ ތަކައް ގަބޫލު ނުކުރެވޭ ކަމެއް ނަމަ ވަޒީރުން ޖަވާބުދާރީ ވުމުގެ މައްސަލަ އެޖެންޑާ ކުރެވިގެން ނުވާނެ ކަމަށެވެ.
"ޕީޕީއެމުން ގަބޫލުކުރާ އުސޫލަކީ މިކަން ދާންވާނީ ހާމަ ވޯޓެއްގެ ގޮތުގައޭ. އެއީ އަޅުގަނޑުމެން މިހާރު ވެސް މެއިންޓެއިން ކުރާ ޕޮޒިޝަން. އެކަމަކު ދެ ވަޒީރުންގެ މައްސަލަ ހުށަހެޅިގެން ގޮސް އެ ބޭފުޅުންނަށް ޖަވާބު ދާރީ ވުމުގެ ފުރުސަތު ލިބުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ކަންތައް ކުރެއްވި ގޮތަކީ އަޅުގަނޑުމެންނަށް ބަލައިގަންނާން ފަސޭހަ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހަށް ހުށަހަޅާ މައްސަލަތަކަކީ ވޯޓަކަށް ދާންޖެހޭ މައްސަލައެއް ނަމަ އެ މައްސަލައެއްގެ ބަހުސް ނިމުމަށްފަހު ދެން އެންމެ އަވަހަށް ކުރާންޖެހޭ ކަމަކީ ވޯޓު ނެގުން ކަމަށް މަޖިލީހުގެ ގަވައިދުގައި ވެސް ބަޔާން ކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިދިޔަ ހޯމަ ދުވަހުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުންގެ އަމަލުތައް ހުރިގޮތުން ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލިއިރު އިއްޔެގެ ޖަލްސާއަށް އެކަން އެޖެންޑާ ކުރާން ޖެހޭނެ ކަމަށެވެ. އަދި އިއްޔެގެ ޖަލްސާ ފެށެން ޖެހޭނީ ވެސް ހޯމަ ދުވަހު ޖަލްސާ ނިމުނު ހިސާބުން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން އެހެން ވިދާޅުވި އިރު ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ގައި ހޯމް މިނިސްޓަރު ޑރ. ޖަމީލް މައްސަލައިގެ ބަހުސް ވަނީ ނިންމައި ވޯޓަށް އަހަން ވެފައެވެ. އެހެން އެކަން އޮއްވާ ނާޒިމްގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް އެމްޑީޕީން ހުށަހަޅައިފައިވާ މައްސަލައަށް ޖަވާބުދާރީވެ ވަޑައިގަތުމަށް އެމަނިކުފާނު އިއްޔެ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވި އިރު ކޯޓުގައި ޝަރަފުގެ މެޑެލް ޖައްސަވާފައި ހުރުމުން ޖަލްސާ ހޫނުވެ އެ ވޯޓު އިއްޔެ ނެގޭ ގޮތެއް ނުވިއެވެ.
އޭނާ ވިދާޅުވީ ޕީޕީއެމް އޮތީ ދައުލަތުގެ ވަޒީރުން ސަލާމަތް ކުރާން ކަމަށާއި، އެފަދަ ސާބިތު ނުހިފޭ ޚިޔާލީ މައްސަލަ ތަކެއްގެ މައްޗަށް ބިނާކޮށް ވަޒީރުންގެ އިތުބާރު ނެތްކަމަށް ފާސްކުރުމަކީ ޕީޕީއެމުން ތާއީދު ކުރާނެ ކަމެއްނޫން ކަމަށެވެ. އަދި ވިދާޅުވީ ޑީއާރުޕީ އާ އެމްޑީޕީ އާއި ގުޅިގެން ކުރާ، ދައުލަތަށް ލޮޅުމެއް އަރާފަދަ އެއްވެސް ކަމެއްގައި ޕީޕީއެމުން ބައިވެރި ނުވާނެ ކަމަށެވެ.