ވަޒީފާ އަދާ ކުރާ ތަންތަނާއި ތައުލީމުދޭ ތަންތަނާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި މިނޫސް ވެސް އިޖުތިމާއީ ހިދުމަތްދޭ ތަންތަނުގައި ދިމާވާ ޖިންސީ ފުރައްސާރައިގެ އަމަލުތައް ހުއްޓުވުމަށް ޓަކައި ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލް މިއަދު މަޖިލީހަށް ބަލައިގެންފި އެވެ.

ސަރުކާރު ފަރާތުން އެ ބިލް މަޖިލީހަށް ހުށަހަޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މަޖިލީހަށް ހުށަހެޅި ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލް ވެސް މަޖިލީހަށް ހުށަހަޅުއްވީ ރޮޒައިނާ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެ ބިލް މަޖިލީހަށް ބަލައި ގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 57 މެންބަރުން ވޯޓް ދެއްވައިގެންނެވެ. މަޖިުލީހަށް ބިލް ބަލައިގަތުމުން އެ ބިލް އިތުރަށް ދިރާސާ ކުރުމަށް ޓަކައި ވަނީ 11 މެންބަރުންގެ ވަގުތީ ކޮމެޓީ އަކަށް ފޮނުވައިފަ އެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގެންނަވަނީ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ، މާފަން ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު، ތިނަދޫ ދާއިރާގެ މެންބަރު މުހައްމަދު ގަސަމް، ހަނިމާދޫ ދާއިރާގެ މެންބަރު މުހައްމަދު މުޖުތާޒް، ފޯންމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމދު ރަފީގް ހަސަން، މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް، މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަކީ، ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު ޒުބައިރު އަދި މާމްއިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އެވެ.

ޖިންސީ ފުރައްސާރަ ހުއްޓުވުމުގެ ބިލުގައިވާ ގޮތުން ޖިންސީ ފުރައްސާރަ ކުރުން ކަމަށް ބެލެވޭނީީ މީހެއްގެ "ނުގަބޫލުގައި" ޖިންސީ އަމަލެއް ހިންގުމަށެވެ. ޖިންސީ އަމަލު ހިންގުން ކަމަށް ބެލެވޭނީ އެ އަމަލު ހިންގާ މީހަކު ދައްކާ ވާހަކައަކުން، ނުވަތަ ބުނާ ބަސްތަކަކުން، ނުވަތަ ލިޔާ ލިޔުމަކުން، ނުވަތަ ދައްކާ ކުރެހުމަކުން، ނުވަތަ ތަސްވީރަކުން ނުވަތަ އިއްވާ އަޑަކުން ނުވަތަ ކުރާ އިޝާރާތަކުން އެނޫން ވެސް އަމަލެއްގެ ސަބަބުން އެކަން ރައްދުވާ މީހާއަށް އެ އަމަލުން ޖިންސީ ނިޔަތެއް ސިފަކުރެވިގެން ނުވަތަ ވިސްނިގެން ނުވަތަ ދޭހަވެގެން ނުވަތަ އެނގިގެން ދިއުމަށެވެ.

ވަޒީފާ އަދާ ކުރާ އަންހެނުންނާއި އަދި ވަޒީފާ ހޯދުމަށް އަންނަ އަންހެން ކުދިންނަށް ދިމާވާ ޖިންސީ ފުރައްސާތަކާ ގުޅިގެން، އޮފީސް މާހައުލުގައި ކޮށްގެން ނުވާނެ ގިނަ ކަންތައްތަކެއް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ވަޒީފާއެއް ލިބޭނީ ވަޒީފާ ދޭ ފާރާތުން ހިންގާ ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލުތައް ބަލައިގަނެގެން ކަމަށް ހީކުރެވޭ ގޮތަށް އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށެވެ. އަދި ވަޒީފާ ދިނުމުގައި ބަލާ މިންގަނޑެއް ކަމަށް، ވަޒީފާއަށް އެދޭ ފަރާތައް އެއްވެސް މިންވަރަކަށް ހީކުރެވޭ ފަދަ ގޮތަކަށް ވަޒީފާދޭ ފަރާތުގެ ބަހުރުވަ ނުވަތަ އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށްވެސް ބިލްގައިވެ އެވެ. އަދި ޖިންސީ ފުރައްސާރަ ބަލައިގަންނަ މުވައްޒަފަކަށް ވަޒީފާގައި ދެމި ހުރުމާއި ވަޒީފާގެ ކުރި އެރުން ލިބޭނެ ގޮތަށް އަމަލުތައް ބަހައްޓައިގެން ނުވާނެ ކަމަށާއި ހަމަހަމަ ގޮތެއްގައި ހުރިހާ ފަރާތްތަކާ ދޭތެރޭގައި އަމަލުތައް ބަހައްޓަންވާނެ ކަމަށް އެ ބިލުގައި ބުނެ އެވެ.

ސަރުކާރު ފަރާތުން ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން އޮފީހުގެ މާހައުލުގައި ހިންގާ ޖިންސާ ފުރައްސާރައިގެ އަމަލުތައް ތަހުގީގުކޮށް ބެލުމަށް ކޮންމެ އޮފީހެއް (ކުންފުންޏެއް، މުއައްސަސާއެއް، މަރުކަޒެއް)ގައި ކޮމެޓީއެއް އުފައްދަންޖެހޭ ކަމަށެވެ. އެގޮތުން 10 މުވައްޒަފުންނަށް ވުރެ ގިނަ މުވައްޒަފުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އެކުލަވާލަންވާނެ ކަމަށާއި އެ ކޮމެޓީގެ މެޖޯރިޓީ އޮންނަންވާނީ އަންހެނުންގެ މައްޗަށް ކަމަށް ބިލްގައިވެ އެވެ. އަދި އެ ކޮމެޓީއަށް ރައީސްއަކާއި ނައިބު ރައީސްއަކު އިންތިހާބު ކުރަންޖެހެ އެވެ. އަދި އެ ބިލް ގާނޫނަކަށް ވުމަށް ފަހު ކޮމެޓީ ނުއުފައްދާ އޮފީސްތައް 5000 ރުފިޔާއިން ޖޫރިމަނާވާނެ އެވެ.

ކޮމެޓީއަށް ހުށަހަޅާ ޝަކުވާތައް ބެލުމުގައި އަމަލު ކުރަންޖެހޭނެ އިޖުރާއަތްތައް، ބަޔާންކުރާ ގަވާއިދެއް އެ ބިލް ގާނޫނަކަށްވާތާ ތިން މަސްދުވަހުގެ ތެރޭގައި ކަމާ ބެހޭ މިނިސްޓްރީން ހަދަންޖެހެ އެވެ.

އޮފީހުގައި ޖިންސީ ފުރައްސާރައެއްކޮށްފި ނަމަ އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ވަޒީފާ އިން ސަސްޕެންޑް ކުރުމާއި އިންޒާރު ދިނުމާއި ނަސޭހަތްތެރިވުމުގެ އިހްތިޔާރު ކޮމެޓީއަށް ލިބިދީފައިވެ އެވެ. އަދި ޖިންސީ ފުރައްސާރަ ކުރި މީހާ އޮފީހުގެ ކޮމެޓީއަށް ހާޒިރުކޮށް، ހެކިބަސް ހޯދުމުގެ ބާރު ވެސް ލިބިދެ އެވެ. ކޮމެޓީން ތަހުގީގު ކުރާ މައްސަލައެއް ދެ މަސް ދުވަހުގެ ތެރޭގައި ތަހުގީގުކޮށް ނިންމަންޖެހެ އެވެ. އަދި އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ޖެހޭ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.