ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ހައިކޯޓުން ދެއްވައިފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނެފި އެވެ.

ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން މިއަދު ވިދާޅުވީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން މިމަހުގެ 15 ވަނަ އިން ފެށިގެން ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ހައިކޯޓުން އެމަނިކުފާނަށް ދެއްވާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަނީ ކޮންކަމަކާ ގުޅިގެން ކަމެއް އަދި ސާފުވާގޮތެއް ނުވެ އެވެ.

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަކީ ގާނޫނާ ޚިލާފަށް އެކުލަވާލާފައިވާ ބެންޗެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ނަޝީދު ހުށަހެޅުއްވި މައްސަލަ މާދަމާ 2:00ގައި ބާއްވަން ހައިކޯޓުން ވަނީ ތާވަލުކޮށްފަ އެވެ.

ހައިކޯޓުން އެ މައްސަލަ ނިމެންދެން ނަޝީދުގެ ޝަރީއަތް ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ މައްޗަށް ހައިކޯޓުން ވަނީ އަމުރުކޮށްފަ އެވެ.