ދިވެހި ރާއްޖޭގައި އިސްލާމިކް ބޭންކިންގެ ހިދުމަތް ދިނުމުގެ ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބޭންކް އޮފް މޯލްޑިވްސް އަށް ދީފި އެވެ.

ބީއެމްއެލުން މިއަދު ބުނީ އެ ހިދުމަތް ދިނުމަށް ޓަކައި އެ ބޭންކުން ތައްޔާރުވަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެ ހިދުމަތް ވީހާ ވެސް އަވަހަށް ދިނުމަށް ޓަކައި ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި އެ ހިދުމަތް ބީއެމްއެލުން ދިނުމާ ބެހޭ ތަފްސީލްތައް ފަހުން ހާމަކުރާނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

ރާއްޖޭގައި މިހާތަނަށް އިސްލާމިކް ބޭންކިންގްގެ ހިދުމަތް ދެމުން އަންނަ ހަމައެކަނި ބޭންކަކީ މޯލްޑިވްސް އިސްލާމިކް ބޭންކެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެމްއެމްއޭގެ ބޯޑުން ބީއެމްއެލް އަށް އިސްލާމިކް ބޭންކިންގެ ހިދުމަތުގެ "ވިންޑޯއެއް" ދިނުމަށް ނިންމާފައި ވަނީ ބީއެމްއެލް އިން ހުށަހެޅި ބިޒްނަސް ޕްރޮޕޯޝަލެއް ދިރާސާ ކުރުމަށްފަހުގަ އެވެ. އަދި އެ ހިދުމަތް ދިނުމުގެ ލިމިޓެއް ކަނޑައަޅާނީ ބީއެމްއެލުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.