މޯލްޑިވްސް ޑިވެލޮޕެމެންޓް އެލަޔަންސް (އެމްޑީއޭ) އިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމެޓީން ނިންމައިފި އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މި ގޮތަށް ނިންމާފައި މި ވަނީ މި މައްސަލައިގައި އެމްޑީއޭގެ ފަރާތުން މިދިޔަ މަހުގެ 20 ވަނަ ދުވަހު ކޮމެޓީ އަށް ހުށަހެޅި މައްސަލައިގައި ބަލަން ޖެހޭ ކަންތައްތައް ބައްލަވައި ދިރާސާ ކުރެއްވުމަށް ފަހު މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގަ އެވެ.

މިއަދު ދޮތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުން ވެސް ވަނީ އެމްޑީއޭގެ ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވައިފަ އެވެ. އެ ގޮތުން ކޮމެޓީ އަށް ހާޒިރުވެވަޑައިގެންނެވި ހަ ބޭފުޅުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ ހަތަރު ބޭފުޅުންނެވެ. އެ ހަތަރު ބޭފުޅުންނަކީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިނާއި ހަނިމާދޫ ދާއިރާގެ މެންބަރު މުޖުތާޒު ފަހުމީ އާއި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމެވެ. ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ވަކި ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.

މިއަދު އޮތް ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން އިންނެވި އެމްޑީއޭގެ ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދަޅުވީ ކޮމެޓީގައި ބަހުސް ކުރެއްވި މެންބަރުންގެ ވާހަކަފުޅުތަކުގެ ރޫހު މައިގަނޑު ގޮތެއްގައި ހުރީ އެމްޑީއޭގެ ފޯމުތަކަކީ ގާނޫނު އައުމުގެ ކުރީން ހުށަހަޅާފައި ހުރި ފޯމުތަކެއް ކަމަށް ވާތީ އެ ފޯމުތަކުގެ ސައްހަކަން އިލެކްޝަނުން ބަލަން ޖެހޭނެ ކަމަށެވެ. އެމްޑީއޭގެ ފޯމުތައް ޗެކު ކުރުމަކީ ނުވަތަ އޭގެ ސައްހަކަން ބެލުމަކީ ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވާ ފަދައިން އެހެން ޕާޓީ ތަކެއް އުވިގެން ހިނގައިދާނެ ކަމެއް ކަމަށް އިލެކްޝަނުން ބުނެފައިވާތީ ކޮމެޓީގެ މެންބަރުން އެ ނުކުތާ އަށް ވެސް ވާހަކަދެއްކެވި ކަމަށް އާމިރު ވިދާޅުވި އެވެ. އެ ގޮތުން އެމްޑީއޭގެ ފޯމުތަކުގެ ސައްހަކަން ބެލުމަކުން އެހެން ޕާޓީއެއް އުވޭނެ ފަދަ ހާލަތެއް މެދުވެރިވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް މެންބަރުން ފާހަގަކުރެއްވި ކަމަށާއި އެއީ ރަޖިސްޓްރީ ވެފައި އޮތް ޕާޓީއެއްގެ އަދަދު 10000 އިން ދަށަށް ދިޔަ ނަމަވެސް އަލުން އެ އަދަދު ހަމަ ކުރަން އެ ފަދަ ޕާޓީ ތަކަށް ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ ދަށުން ތިން މަސް ދުވަހުގެ މުހުލަތެއް ލިބޭތީ ކަމަށް މެންބަރުން ވިދާޅުވި ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.

އާމިރު އިތުރަށް ވިދާޅުވީ އެމްޑީއޭ އިން ކޮމެޓީ އަށް ހުށަހެޅި މައްސަލަ ޕާޓީއާ އެއްކޮޅަށް ނިމިގެން ދިޔުމަކީ ސިޔާސީ ގޮތުން ލިބިވަޑައިގެންނެވި ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ދެކިވަޑައިގެންނަވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް ސިޔާސީ ގޮތުން ކުރިމަތިވާ މިފަދަ މައްސަލަ ތަކުގައި އެމްޑިއޭގެ ސްޓޭންޑަކަށް އަބަދުވެސް ވާނީ ޖަޒުބާތީ ވުމުގެ ބަދަލުގައި ގާނޫނީ އިޖުރާއަތު ތައް ފުރިހަމަ ކޮށްގެން އެ ކަމަށް އޮންނަ އެންމެ ރަނގަޅު މަގުން ކަންކަން ކާމިޔާބު ކުރުމަށް މަސައްކަތް ކުރެއްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީއޭ އިން ބުނެފައިވާ ގޮތުގައި އެ ޕާޓީން ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނު ތަސްދީގު ކުރުމުގެ ކުރީން 12700 އަށްވުރެ ގިނަ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ.