10 Apr 2013, 15:00
ސައިޕްރަސް ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު މާރިއާ މިޝެލް، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް މިއަދު އަރުއްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ފަތްކޮޅު އެރުއްވުމަށް ފަހު ސައިޕްރަސްގެ އާ ސަފީރާ ރައީސް ބައްދަލުކުރައްވައި ސަފީރަށް ތަހުނިޔާ ވިދާޅުވި އެވެ.
މިބައްދަލުކުރެއްވުމުގައި ސައިޕްރަސް އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާ އާއި ސިއްހީ ދާއިރާ އިން މިގުޅުން އިތުރަށް ތަރައްގީކުރުމާ ބެހޭ ގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.
ރައީސް ދެއްކެވި ވާހަކަފުޅުގައި، ސައިޕްރަސް އާއި ރާއްޖެއާ ދެ ގައުމަކީ ވެސް ކުޑަ ދެގައުމު ކަމަށްވެފައި، ސިޔާސީ ގޮތުން ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި ދެގައުމުކަން ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް، ތަރައްގީ ކުރުމަށްޓަކައި ސައިޕްރަސް ސަރުކާރުގެ ތަޖުރިބާއިން ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކަމުގައި ވިދާޅުވި އެވެ. އަދި ސައިޕްރަސްގެ އާ ސަފީރުގެ ދައުރުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.