10 Apr 2013, 14:48
ރާއްޖޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް މަލޭޝިޔާގެ ނެކްސްބިޒް ލިމިޓެޑާއި ހަވާލުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯއްދަވައިދެއްވި ކަމުގެ ތުހުމަތުގައި ދައުލަތުން ކުރެއްވި ދައުވާ އަށް ކުރީގެ ކޮންޓްރޯލަރު އިލްޔާސް ހުސައިން އިބްރާހީމް އިންކާރުކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން އިލްޔާސް ވިދާޅުވީ ދައުވާގެ އަސްލަށް އިންކާރު ކުރައްވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހިމެނޭ ލިޔެކިޔުންތަކަކީ 1200 ސޮފްހާގެ ތަކެތި ކަމަށްވާތީ ދައުވާ އަށް ޖަވާބުދާރީވުމަށް 30 ދުވަހުގެ ފުރުސަތަކަށް އޭނާގެ ވަކީލު އިސްމާއީލް ވިޝާމް އެދިވަޑައިގަތެވެ.
ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ 2009 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދިޔުމަށް ޕްލޭނިން ކައުންސިލުން ނިންމި ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަޝްރޫ އަށް ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅި ފަރާތަކީ ނެކްސް ބިޒްކަމުގައި ފިނޭންސް މިނިސްޓްރީގެ ޓެންޑާ އިވެލުއޭޝަން ބޯޑުން ކަނޑައަޅައި، އެ މަޝްރޫއަށް ނެކްސްބިޒުން ހުށަހަޅާފައިވާ ޓެކްނިކަލް އަދި ޕްރައިސް ޕްރޮޕޯސަލްގެ ކޮޕީއެއް އިމިގްރޭޝަނަށް ފޮނުވި ކަމަށެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ ޓެކްނިކަލް އަދި ޕްރައިސް ޕްރޮޕޯސަލްގެ ކޮޕީއާ އެކު އެ މަޝްރޫއުގެ ކޮންޓްރެކްޓް ޑޮކިޔުމެންޓް ތައްޔާރުކޮށް ދިވެހި ސަރުކާރާއި ނެކްސްބިޒުން ސޮއިކޮށް މަސައްކަތް ފެއްޓުމަށް ފިނޭންސް މިނިސްޓްރީން އިމިގްރޭޝަނަށް އެންގުމުން، ނެކްސްބިޒުން ހުށަހެޅި ޓެކްނިކަލް ޕްރޮޕޯސަލްގައި ދިވެހި ދައުލަތަށް ހިލޭ ފޯރުކޮށްދޭނެ ކަމަށް ހުށަހަޅާފައިވާ 29 ސްކޯލާޝިޕާއި 200،000 އައިޑީކާޑުގެ ބައި އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ވެވުނު ކޮންސެޝަން އެގްރީމެޓްގައި ހިމަނާފައި ނުވާތީ އިލްޔާސްގެ މައްޗަށް އެ ދައުވާ ކުރީ ކަމަށެވެ.
އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިއަދުގެ ޝަރީއަރުގެ މަޖިލީސް ނިންމަވާލެއްވީ ދައުވާ އަށް ޖަވާބުދާރީވުމަށާއި ހެކި ހުށަހެޅުމަށް ފުރުސަތު ދެއްވުމަށް ފަހު އެވެ.
އެ މައްސަލައިގައި ފިނޭންސް މިނިސްޓްރީގެ ޓެންޑާ އިވެލުއޭޝަން ބޯޑުގެ ކުރީގެ މެންބަރު ސާމީ އަގީލްގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ. ނަމަވެސް އޭނާގެ ޝަރީއަތް އަދި ނުފަށަ އެވެ.