މިރޭ ސްޕެއިންގެ ބާސެލޯނާއާ ދެކޮޅަށް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ތައްޔާރުވާނީ ބާސާއަށް އެކުލަބުގެ ފޯވަޑް ލަޔަނަލް މެސީ ކުޅޭނެތޯ ނުވަތަ ނޫންތޯ ބަލައިގެން ނޫންކަމަށް ޕީއެސްޖީގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި އެ ދެކުލަބު ޕެރިހުގައި ކުޅުނު މެޗު ދޭއް ދޭކުންވަނީ އެއްވަރު ވެފައެވެ. އެހެން ކަމުން އަވޭ ދެ ގޯލާއި، އަދި ހޯމް އެޑްވާންޓޭޖް ބާސާއަށް އޮތުމުން ޕީއެސްޖީއަށް މި މެޗަކީ އުނދަގޫ މެޗަކަށް ވާނެއެވެ. އަދި އެމެޗަށްފަހު އަނިޔާގެ ސަބަބުން މިވަގުތު ކުޅުމާދުރުގައި ހުރި މެސީ މިރޭގެ މެޗުގައި ބާސާއިން ފެނިދާނެ ކަމަށް ބެލެވޭ އިރު އެންޗެލޮޓީ ބުނީ އޭނާ އެކަމާ ނުވިސްނާ ކަމަށެވެ.

"އެއީ އަހަރެމެން ބަލަންޖެހޭ ކަމެއް ނޫން. އަހަރެމެން ޓީމު ރާވަނީކީ މެސީ ކުޅޭތޯ ނުކުޅޭތޯ ބަލާފައެއް ނޫން. މެސީ ކުޅުނަސް ނުކުޅުނަސް އަހަރެމެންގެ ރޭވުންތަކަކަށް ބަދަލެއް ނުގެންނާނަން،" ކުޅުންތެރިއެއްގެ ގޮތުންނާއި އަދި ކޯޗެއްގެ ހައިސިއްޔަތުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ހަމީހުންގެ ތެރޭގައި ހިމެނޭ އެންޗެލޮޓީ ބުންޏެވެ.

އެންޗެލޮޓީ ބުނީ ކާމިޔާބު ލިބޭނީ ދުނިޔޭގެ އެންމެ މޮޅު ޓީމާއި ކުރިމަތިލާން މިޖެހެނީ އެމީހުންގެ އަމިއްލަ ދަނޑުގައި ކަމަށްވުމުން އެމެޗު އިންތިހާއަށް އުނދަގޫވާނޭކަން ދަނެގެން މެޗުން މޮޅުމުގެ ފުރިހަމަ އަޒުމާއި އިތުބާރާއެކު ޕީއެސްޖީ އިން ކުޅެގެން ކަމަށެވެ. އަދި ފުރަތަމަ ލެގުގައި ދެއްކި ކުޅުމާއި ނެރުނު ނަތީޖާ ތަކުރާރު ކުރުމުގެ ފުރިހަމަ ޖޯޝު ހުރެގެން ކަމަށެވެ.

މިރޭގެ މެޗުގައި ޑޭވިޑް ބެކަމް ފެނިދާނެތޯ ސުވާލު ކުރުމުން އެންޗެލޮޓީ ބުނީ ބެކަމް ކުޅެން އެރުވުމުން ބައެއް މީހުން ފާޑުކިޔާ ކަމަށާއި އަދި ބައެއް މީހުން އެކަމާ އުފާ ކުރާކަމަށެވެ.

"ހަމަ ގައިމުވެސް ބެކަމްއާ ދޭތެރޭ އަހަރެން ހިތްހަމަޖެހޭ. އެހެންވީމާ ބެކަމްވެސް އެކަމާ އުފާ ކުރަން ޖެހޭނެ. ކުޅުންތެރިޔަކާ ދޭތެރޭ ކޯޗު ހިތްހަމަޖެހެޔޭ ބުނެފިއްޔާ އެކުޅުން ތެރިޔަކު މެޗުގައި ކުޅުމުގެ ފުރުސަތު ވަރަށް ބޮޑު،" އެންޗެލޮޓީ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ބާސާ އާއި ޕީއެސްޖީ ބައްދަލު ކުރާ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 11:45ގައެވެ.