10 Apr 2013, 13:56
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަންގެ ބަދަލުގައި އެ ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަހުމީގެ ބަދަލުގައި ސީއެސްސީ އަށް އެހެން މެންބަރަކު އައްޔަން ކުރުމަށް ފާސްވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ ތެރެއިން 42 މެންބަރުންގެ ވޯޓުްނެވެ. ނުފެންނަ ކަމަށް 16 މެންބަރަކު ވޯޓް ދެއްވި އެވެ. އަދި ވިކި ކޮޅަކަށް ވޯޓް ނުދެއްވާ ތިން މެންބަރަކު ވޯޓް ދެއްވި އެވެ.
ސީއެސްސީގެ މެމްބަރުގެ މަގާމުން ފަހުމީ ވަކިކުރުމަށް މަޖިލީހުން ފާސްކުރި ނިންމުން ސުޕްރީމް ކޯޓުން ބާތިލް ކުރި މައްސަލާގައި ރައްޔިތުންގެ މަޖިޅިގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް އެ މައްސަލަ ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު އެވެ.
ސީއެސްސީގެ މެމްބަރުގެ މަގާމުން ފަހުމީ ވަކި ކުރުމަށް މަޖިލީހުން ފާސްކުރި ނިންމުން ސުޕްރީމް ކޯޓުން ބާތިލް ކުރި މައްސަލާގައި ކޮމެޓީން އެ ގޮތަށް ފާސްކުރީ ކޮމެޓީއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހަ މެންބަރުންގެ ތެރެއިން އެމްޑީޕީގެ ފަސް މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވައި ކޮމެޓީގައި އިންނެވީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮމެޓީގެ ރިޕޯޓާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މެންބަރުން ވިދާޅުވީ ފަހުމީ ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމު ނިންމުން ސުޕްރީމް ކޯޓަށް ބާތިލް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމުގައި ވެސް ފަހުމީ އަށް ވަޒީފާ ދޭން ޖެހޭނެ ކަމަށް ނުވަތަ ވަޒީފާ އަށް ނިކުންނެވޭނެ ކަމަށް ބަޔާން ކޮށްފައި ނުވާ ކަމަށް މެންބަރުން ވިދާޅުވި އެވެ.
އެ މައްސަލާގައި ވާހަކަފުޅު ދައްލަވަމުން ފަހުމީ ވަޒީފާ އިން ވަކި ކުރެއްވުމަށް ތާއިދު ކުރައްވައި ވާހަކަފުޅު ދެއްކެވި މެންބަރުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފަހުމީ ވަކި ކުރި ކުރުން އަލުން އަނބުރާ އިޔާދަ ނުކުރެވޭނެ ކަމަށާއި އެހެން ނަމަވެސް ފަހުމީ އަށް އޭގެ ސަބަބުން ގެއްލުމެއް ލިބިފައިވާ ނަ އެ ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަސް ހުށަހެޅިދާނެ ކަމަށެވެ. އަދި ފަހުމީ އަށް މަގާމްގެ ބަދަލުގައި ދޭން ޖެހޭނީ ބަދަލު ކަމަށް ބައެއް މެންބަރުން ވިދާޅުވި އެވެ.
ސީއެސްސީގެ ރައީސް، އެ ކޮމިޝަންގެ މެންބަރު ކަމުން ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ނަމަވެސް ފަހުމީ އަލުން އަނބުރާ މަގާމަށް ނާދެވޭނެ ކަމަށް ރައީސް އޮފީހަށާއި ސީއެސްސީ އަށް ދައުލަތުގެ ބަންޑާރަ ނައިބް ވެސް ވަނީ ލަފާ ދެއްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ފަހުމީ ހުށަހެޅުއްވި މައްސަލަ ބެލުމަށް ފަހު ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނަނީ ފަހުމީ މަގާމުން ވަކި ކުރުމަށް މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނު އަސާސީއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްވާތީ އެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށެވެ. އަދި ފަހުމީއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބެލުމަށް އެ މަޖިލީހުން އަމަލުކޮށްފައި ވަނީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ މީހަކާ މެދު އަމަލުކުރަން ޖެހޭ އުސޫލުތަކާ ޚިލާފަށް ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވެ އެވެ.